"އައްޑޫގަ މިހާރު ތަރައްގީވެފަ ހުރި ރިސޯޓްތަކުގެ އިތުރުން އައްޑޫގެ މި ބައްރުގެ މި ހިސާބުގަނޑުގައި ހިތަދޫގަ އާއި އަދި މި ސަރަހައްދުގަ ހުރި އަޅުގަނޑުމެންނަށް ފެންނަން ހުރި ޖާގައިގެ ތެރެއިން އިރާދަކުރެއްވިއްޔާ އިތުރު ރަށެއް އުފައްދައިގެން ނަމަވެސް، މަދުވެގެން 5،000 ފަތުރުވެރިންނަށް ޖާގަ ލިބޭ ފަދަ ގޮތަކަށް އަޅުގަނޑުމެން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރާނަން."
މިއީ 15 ސެޕްޓެމްބަރު 2013 ވަނަ ދުވަހު އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ކުރީގެ ނައިބު ރައީސް ޑރ. އަހްމަދް ޖަމީލް ވިދާޅުވި ވާހަކަފުޅެކެވެ.
އޭގެ ދުވަސްތަކެއް ފަހުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭރު ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި އަހްމަދު އަދީބު ވެސް ވަނީ ފަސް އަހަރު ނިމުމުގެ ކުރިން އައްޑޫގައި ގެސްޓް ހައުސް ތަކާއި އެކު 5000 އެނދު ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުމަކާއި ކައިރިވެފައި ވާއިރު، "5000 އެނދުގެ" ވައުދު ފުއްދުމަށް މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އިސްމެހެލާ ހެރަ ތަރައްޤީކުރާނެ ކަމަށް ވި ވައުދަށް ވެސް 2 އަހަރު ވާން ކައިރިވެއްޖެއެވެެެ. އެމަޝްރޫއު ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ.
އައްޑޫގައި ތިބި ޕީޕީއެމް ރައްޔިތުންނާއި ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަމީރު މިވަނީ އައްޑޫގެ ޓޫރިޒަމް ބެޑް ކެޕޭސިޓީ 3000 އަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް 3000 ޓޫރިސްޓް ބެޑް އައްޑޫގައި ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށެވެ.
ވެރިކަމުގެ ދައުރު ނިމުމަކާއި ގާތަށް އާދެވިފައި ވަނިކޮށް 5000 އެނދުގެ ވައުދު 3000 އެނދަށް ބަދަލުވީއެވެ. ސުވާލަކީ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 3000 އެނދު ވެސް ތަރައްޤީކުރުމަށް މިނިސްޓަރ ޒަމީރު ވެވަޑައިގެންނެވި ވައުދު ފުއްދޭނެތޯއެވެ.