Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ސްވައިން ފްލޫ ކޭހެއް އައްޑޫން އަދި ނުފެނޭ

ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އެޗް1އެން1 ނުވަތަ ސްވައިން ފްލޫގެ އެއްވެސް އަލާމާތެއް ހުރި މީހަކު އައްޑޫން އަދި ފެނިފައި ނުވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް)އިން ބުނެފިއެވެ.

ހޮސްޕިޓަލްގެ މެނޭޖަރ އަބްދުﷲ ޖަމީލް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން އައްޑޫގައި ރޯގާ ފެތުރެމުންދާ ކަމުގެ އަލާމާތެއް އަދި މިހާތަނަށް ފެނިފައި ނުވާކަމަށެވެ.

"އަދި ހޮސްޕިޓަލަކަށް ނާދޭ ސްވައިން ފުލޫ ކޭސްއެއް، އައްދޫގެ ހުރިހާ ސިއްހީ މަރުކަޒު ތަކާއި ގުޅިގެން މިދަނީ މިކަން ބަލަމުން، އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި މިދަނީ ތައްޔާރު ވަމުން"

ޖަމީލް ވިދާޅުވީ މި ބަލީގެ ކޭސްއެއް އަދި އައްޑޫން ނުފެނުނު ކަމުގައި ވިޔަސް ހޮސްޕިޓަލުން މިބައްޔަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެސްޓިއޯ އާއި ގުޅިގެން ބޭސް ސްޓޮކް ހަމަޖެއްސުމާއި ބައްޔާއި ގުޅޭ މައުލޫމާތު ތަނުގެ މުވައްޒަފުންނަށް ދެމުންދާ ކަމަށެވެ. އަދި މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މި ދުވަސްކޮޅު މުޅި ރާއްޖޭގައި ހަލުވި ކަމާއި އެކު ހުމާއި ރޯގާ ފެތުރެމުން އަންނަ އިރު މިއަދުން ފެށިގެން އެޑިއުކޭޝަނުން އަންގަންދެން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ސްވައިން ފުލޫ ޖެހިގެން 27 އަހަރުގެ ޒުވާނަކު މަރުވެފައިވާ އިރު މާބަޑު މީހަކަށް މި ބަލި ޖެހި އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.