އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު 0-1 އިން ޗެލްސީ ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑުގެ އެންޑަ ހެރޭރާ ހަޒާޑަށް ކުރި ދެ ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ދެ ރީނދޫ ކާޑު ދައްކައި ރަތް ކާޑު ދެއްކުމާއެކު ދަނޑުން ފޮނުވާލާފައެވެ.
ލަނޑެއް ނުޖެހި ފުރަތަމަ ހާފުގެ ކުޅުން ނިމިފައިވާއިރު ޗެލްސީއިން މެޗުގެ ހަމައެކަނި ގޯލު ޖަހާފައިވަނީ 50 ވަނަ މިނެޓުގައި މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ކަންޓޭއެވެ.
ގޯލަށް ފަހު ޔުނައިޓެޑަށް އިތުރު މައްސަލަތަކާ ކުރިމަތިވިއިރު ޔުނައިޓެޑުގެ މާކަސް ރަޝްފޯޑަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ކޯޓޮއީ ވަނީ މަތަކޮށްފައެވެ.
ރޭގެ މެޗުގައި ޗެލްސީ އިން އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ޔުނައިޓެޑު ކުޅުންތެރިންވެސް މަދުން ނަމަވެސް ހޯދި ފުރުސަތުތައް ގޯލުގެ ތެރެއަށް ވަންނަ ގޮތެއް ވަނީ ނުވެފައެވެ. ރޭގެ މެޗު ޔުނައިޓެޑު ފަށާފައިވަނީ އަނިޔާގެ ސަބަބުން ރޫނީ އާއި މާޝިއަލް އަދި ސަސްޕެންޝަނުގެ ސަބަބުން އިބްރަހިމޮވިޗާއި ނުލައެވެ.