ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް މާލޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަނަށް ނަޝީދު ވަޑައިގެންފި އެވެ.
ނަޝީދު އިންޑިޔާ ހައިކޮމިޝަނަށް ވަޑައިގެންފަ މިވަނީ އެ މަނިކުފާނު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހަވީރު 4:00 ޖަހާ އިރު ހުޅުމާލެ ކޯޓަށް ހާޒިރުކޮށް ދިނުމަށް އެ ކޯޓުން ފުލުހުންނަށް އަމުރުކޮށްފައި ވަނިކޮށެވެ.
ނަޝީދު އިންޑިޔަން ހައިކޮމިޝަނަށް ވަޑައިގަތީ ހައި ކޮމިޝަނަރު ޑީއެމް މުލޭ އާ ބައްދަލު ކުރައްވަން ކަމަށް އެެނގިފައިވެ އެވެ. އެހެން ނަމަވެސް އޭނާ މިވަގުތު މާލޭގައި ނޫޅުއްވަ އެވެ. އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި މުލޭ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ،
ނަޝީދު މިވަގުތު ވެސް އިންޑިޔަން ހައިކޮމިޝަނުގައި ހުންނެވިއި ރު، ފުލުހުން ވަނީ ހައި ކޮމިޝަން ވަށާލައި، އެ ސަރަހައްދަށް އެއްވެފައިވާ އެމްޑީޕީގެ ސަޕޯޓަރުން ދުރަށް ޖައްސާފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ދާޅުވީ ނަޝީދު އިންޑިޔަން ހައިކޮމިޝަނަށް ވަޑައިގަތީ ހައިކޮމިޝަނުގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ކަމަށެވެ. އަދި ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ގެންދާ ނަމަ އެމްޑީޕީން ސީދާ ހަރަކާތަށް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.