Last Updated: June 27, 02:30
Friday, June 26, 2026
ސިޔާސީ

"މެމްބަރުން އިސްތިއުފާގެ ސިޓީއެއް ނުފޮނުވާ، ސިޓީ ހަދައިގެން އުޅެނީ މަސީހް"

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިސްތިއުފާގެ ސިޓީ ފޮނުވާފައިވާކަމަށް ބުނާ ބުނުން ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ދޮގުކޮށްފިއެވެ.

ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މުސްތަފާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އިތުރަށް ވިދާޅުވެފައިވަނީ މެމްބަރުންގެ ނަމުގައި ސިޓީ ހަދައިގެން އުޅެނީ މަޖިލިސް ރައީސް މަސީހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށައަޅާފައިވާއިރު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެފައިވަނީ މަސީހު ރައީސް ކަމުން ދުރުކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ދޭން ތައްޔާރަށް ތިބި މެމްބަރުން އެބަތިބި ކަމަށެވެ.

މުސްތަފާ އަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހުގެ ގޮނޑި ކާމިޔާބުކުރައްވައި ހޮވިވަޑައިގަތުމުން ޕާޓީ ބަދަލުކޮށް، އޭގެ ފަހުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ސީދާ ގޮތުން ފާޑު ވިދާޅުވާން އެންމެ ފުރަތަމަ ފެށި ޕީޕީއެމް މެމްބަރެވެ.

މުސްތަފާގެ މިތުހުމަތާއި ގުޅިގެން މަޖިލީހުގެ ރައީސް އަދި އަމީންއާންމުގެ ބަހެއްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.