ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހުމުން ދޭ ވެކްސިން ބޭނުންވާ ވަރަށް ރާއްޖޭގައި އެބަހުރި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ރާއްޖޭގައި ވެކްސިން ލިބެން ހުރީ ލިމިޓެޑް ސްޓޮކެއްގައި އެކަނި ކަމަށް ބުނެ ޚަބަރު ފެތުރިފައިވަނިކޮށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ވެކްސިން ޖަހަމުން ދަނީ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ބައްޔަށް ޕޮސިޓިވް ވާ މީހުންގެ ގަޔަށެވެ. މިހާރު ރާއްޖޭގައި ހުރީ ހައްޖާއި އުމްރާއަށް ގޮސްފައި އެނބުރި އަންނަ މީހުންގެ ގަޔަށް ޖެހުމަށް ގެނެސްފައިވާ ވެކްސިން ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
އަދި ވެކްސިން ހުސްވެދާނެ ކަމުގެ ބިރެއް ނެތް ކަމަށާއި އިތުރަށް ބޭނުންވާނަމަ ބޭރުން ވެކްސިން ގެނައުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ސްވައިން ފްލޫއަށް ރާއްޖޭގައި 51 މީހަކު މިހާތަނަށް ޕޮސިޓިވްވެފައިވާއިރު މިބަލީގެ ސަބަބުން މިމަހުގެ ހަތަރުވަނަ ދުވަހު ޒުވާނަކު ވަނީ މަރުވެފައެވެ. އަދި ބަލި ފެތުރުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ގައުމީ ޔުނިވާސިޓީވެސް ވަނީ މިހާރު ވަގުތީގޮތުން ބަންދުކޮށްފައެވެ.