ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ޒައިދު ހައްޔަރުކޮށް ފުލުހުންގެ ބަންދުން ގޭބަންދަށް ބަދަލުކުރުމަށްފަހު ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ވަނީ ފުލުހުންގެ ބަންދަށް އަނެއްކާވެސް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި މިހުކުމާއި ގުޅިގެން ޒައިދުލް އަމީނުގެ ވަކީލުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ނެރުނު ހުކުމެއް ކަމަށް ކަނޑައަޅާފައެވެ.
ހައިކޯޓުން ހުކުމް އިއްވަމުން ބުނެފައިވަނީ ޒައިދުގެ ފޯނުގައި ހުރި ޗެޓްލޮގުތަކުގައި އެމައްސަލައާއި ގުޅޭ މުއާމަލާތްތަކުގެ އިތުރުން ވީޑިއޯއެއްވެސް ހުރިކަމަށެވެ. އަދި މައްސަލައާއި ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ނެރުނު ރިޕޯޓުގައިވެސް ޒައިދުއާއި ދެކޮޅަށް ކުރި ތުހުމަތު ތަކަށް ބާރުލިބިދޭ ހެކި ލިބިފައިވާކަމަށް ހުކުމްގައި ވެއެވެ.
ޒައިދުލް އަމީން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އޭނާގެ ފަރާތުން ރައީސް މައުމޫން ހައްޔަރުކުރުމަށް ހައްގު ނޫން ބަޔާނެއް ނެރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް މީގެ ކުރިން ނޫސްބަޔާނެއް މެދުވެރިކޮށް ބުނެފައެވެ. ފުލުހުން ވަނީ މިމައްސަލަ ބަލަން ފަށާފައެވެ. ނަމަވެސް އެމައްސަލައާއި ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.