Last Updated: June 27, 02:30
Friday, June 26, 2026
ކުޅިވަރު

އޭއެފްސީ ކަޕު މޮޅަކާއެކު މާޒިޔާ ފަށައިފި

ދިވެހި ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގާޅުގެ އަބަހާނީ ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު މާޒިޔާ ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ. މެޗުގެ މާޒިޔާ ވަނީ މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ ލީޑު ނަގާފައެވެ.

އިމާޒް ތަނަވަސްކުރި ފުރުސަތަކުން އުމެއިރަށް އަބަހާނީ ގޯލު ފޫއަޅުވާލަން ނެގީ މެޗު ފެށިގެން އެންމެ ފަސް މިނެޓެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އުމެއިރު ފޮނުވާލި ބޯޅަ ވަނީ ކީޕަރަށް މަތަ ނުކުރެވި ގޯލުގެ ތިރީ ކަނަށް ވަދެފައެވެ.

މާޒިޔާއިން ލީޑު ނެގުމަށްފަހު އަބަހާނީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

މާޒިޔާއިން މެޗުގެ ލީޑު 0-2 އަށް ފުޅާކޮށްފައިވަނީ މެޗު ނިމެން ކުޑައިރުކޮޅެއް ވެފައިވަނިކޮށް ޓީމުގެ ކެޕްޓަން އަދި އިތުބާރު ފޯވާޑު، އަސަދުﷲ އަބްދުﷲއެވެ. މެޗަށްފަހު އަސަދުﷲ ބުނެފައިވަނީ މޮޅަކާއެކު ރަށުން ބޭރުގައި މުބާރާތް ފެށުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މާޒިޔާ ދެން މިމުބާރާތުގައި ނިކުންނަން ޖެހޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ ގަލޮޅު ދަނޑުގައެވެ.