ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އެޗް1އެން1 ނުވަތަ ސްވައިން ފްލޫއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތައްޔާރުވެފައިވާކަމަށް އެތަނުގެ މެނޭޖަރ ބުނެފައި ވަނިކޮށް އެތަނުން އެޗް1އެން1އަށް ޓެސްޓް ނެހެދޭކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގައި ރޯގާ ޖެހިގެން ހޮސްޕިޓަލަށް ދާ ބަލި މީހުން އެޗް1އެން1 އަށް ޓެސްޓް ކޮށްދިނުމަށް ދަނީ އެދެމުންނެވެ. "އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހިތަދޫ މީހަކު ބުނީ ހޮސްޕިޓަލް ފްލޫއަށް ތައްޔާރުވެފައިވާކަމަށް ބުނުމާއި ގުޅިގެން ޓެސްޓް ހަދަން ދިއުމުން އެ ޓެސްޓް ހެދެން ނެތްކަމަށް ވަނީ ބުނެފައެވެ.
"ކައުންޓަރ އައިސް ޓެސްޓް ހެދޭތޯ އެހުމުން ބުނީ ޓެސްޓް ނެހެދޭކަމަށް، ހެދޭނެ ދުވަހެއްވެސް ނޭގޭ ކަމަށް"
ހޮސްޕިޓަލުން ބުނީ ރޯގާ ޖެހިގެން މިހާތަށް ހޮސްޕިޓަލަށް ދެއްކި އެއްވެސް މީހެއްގެ ފަރާތުން އެޗް1އެން1 ފެނިފައި ނުވާކަމަށެވެ. ނަމަވެސް މިފަދަ ކޭސް އެެއް ފެނިފައި ނުވާކަމަށް ހޮސްޕިޓަލުން ބުނީ ކޮންކަހަލަ ތަހްލީލަކަށް ފަހު ކަމެއް ނުބުނެއެވެ.
އައްޑޫން ސްވައިން ފުލޫގެ ކޭސްއެއް ފެނިފައި ނެތް ނަމަވެސް ގިނަ ބަޔަކު ތިބީ މިކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިރޭ ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެޗް1އެން1 އަށް ޓެސްޓް ކުރެވޭނެ ގޮތް ނެތި ސްވައިން ފުލޫ އައްޑުގައި ނެތޭ ބުނުމަކީ ޒިއްމާދާރުކަން ކުޑަކަމެއް ކަމަށެވެ.
Hithadhoo Regional Hospitalugau H1N1 ah testu kureveynegoi nehti Swine Flu addugai nethey bunumakee varah zinmaadhaarukan kuda gotheh. https://t.co/MJJTBpRrGW
— Ali Hussain (@AleeVoice) March 14, 2017
މި ބަލި ސިއްރު ކުރިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ރޭ ވަނީ ބުނެފައެވެ. އެ އެޖެންސީން ރޭ ބުނީ މި ބަލީގައި 27 އަހަރުގެ ޒުވާނަކު މަރުވެފައިވާ ކަމަށާއި މާބަޑު މީހަކު ސީރިއަސް ހާލަތުގައި ވާކަމަށެވެ. މި ވާހަކަ އާއި އެކު ރައްޔިތުންގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.