Last Updated: June 11, 22:21
Thursday, June 11, 2026

ސޯނަމް ކަޕޫރާއި އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅޭ ޔާޝްރާޖްގެ އާ ފިލްމުގައި ސޯނަމް ފެނިގެން ދާނީ ލޯޔަރެއްގެ ގޮތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

"އިޝަގްޒާދޭ" ގެ ޑައިރެކްޓަރު ހަބީބް ފައިސަލްގެ ސްކްރިޕްޓަކަށް، ނުޕޫރު އާސްތާނާ ޑައިރެކްޓް ކުރާ އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމްގެ މަސައްކަތަށް ސޯނަމް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށްވެ އެވެ.
އެގޮތުން ލޯޔަރުންގެ މަސައްކަތްތައް ވަރަށް ގާތުން ބަލައި، އެ މީހުންގެ ބޮޑީ ލެންގްއޭޖް ގެންގުޅޭ ގޮތްތައް ފަދަ ކަންކަން ސޯނަމް އަންނަނީ މިހާރު ދަސްކުރަމުންވެ.

ދިއްލީގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ މި ފިލްމްގެ މަސަައްކަތް މި މަހުގެ 17 ވަނަ ދުވަހު ފަށާނެ އެވެ. ސޯނަމް އާއި އަޔޫޝްމަންގެ އިތުރުން މި ފިލްމްގައި ރިޝީ ކަޕޫރު ވެސް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ. އޭނާ ފެނިގެން ދާނީ ސޯނަމްގެ ބައްޕަގެ ރޯލުންނެވެ.

ސޯނަމްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ފަރްހާން އަހްތަރާ އެކު ލީޑް ރޯލް ކުޅޭ "ބާގް މިލްކާ ބާގް" އާއި "ކޮލަވަރީ ޑީ" ލަވަ ކިޔައިގެން މަޝްހޫރުކަން ހޯދި ތަމަޅަ އެކްޓަރު ދަނުޝް އާ އެކު ކުޅޭ "ރަންޖަނާ" ހިމެނެ އެވެ.