ރާއްޖޭގެ އެކި ހިސާބުތަކުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުންދާތީ، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ޤުނޫތު ކިޔަން ސަރުކާރުން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ، މިނިސްޓްރީ އިން ވަކި ގޮތެއް އަންގަންދެން 15 މާޗް 2017 ވާ ބުދަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަޑުހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔެވުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގަވާ ކަމަށެވެ.
ނަމާދުގައި ކިޔާ ޤުނޫތު ދުޢާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިހާތަނަށް ރާއްޖެއިން 51 މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާއިރު، އެ އަދަދު އިތުރުވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.