Last Updated: June 30, 13:05
Tuesday, June 30, 2026
މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލް މި ހަފުތާގައި ނޯންނާނެ

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޖަޖުން --- ފޮޓޯ/ މޯލްޑިވިއަން އައިޑޮލް ފޭސްބުކް ޕޭޖް

ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ވަރަށް ހަލުވިކަމާއި އެކީ ރާއްޖޭގައި ފެތުރެމުން އަންނާތީ، އެކަމުގެ ނުރައްކަލާއި ގުޅިގެން މޯލްޑިވިއަން އައިޑޯލްގެ މި ހަފްތާގެ ޝޯތައް ކެންސަލް ކުރުމަށް ޕީއެސްއެމް އިން ނިންމައިފިއެވެ.

އެގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނެރުނު ބަޔާނެއްގައި ވާގޮތުން މޯލްޑިވިއަން އައިޑޯލްގެ މި ހަފްތާ ބަންދުގެ ޝޯތައް އަންނަ ހަފްތާގެ ބަންދަށް ވަނީ ފަސްކޮށްފައެވެ.

ވީމާ، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ގަދަ 10 ގެ ސޯލޯ ޝޯ އާއި ހޮނިހިރު ދުވަހު ގެނެސްދޭން ހަމަޖެހިފައި އޮތް ނަތީޖާ ޝޯ، ދެން ދައްކާނީ މާޗު މަހުގެ 17 އަދި 18 ވާ ދުވަސްތަކުގައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މޯލްޑިވިއަން އައިޑޯލްގެ ޝޯތައް ކެންސަލް ކުރުމަށް ޕީއެސްއެމް އިން ނިންމީ މި ދުވަސްވަރު ރާއްޖޭގައި ތަފާތު ވައިރއަލް ރޯގާތައް ފެތުރެމުން ދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

މިހާތަނަށް ރާއްޖޭގެ 51 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެކަކު ވަނީ މަރުވެސް ވެފައެވެ.

ސްވައިން ފްލޫގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލް ފަދަ ތަންތަނަށް ކުޑަކުދިން ވަނުން ވެސް ވަނީ މަނާ ކޮށްފައެވެ.