Last Updated: June 25, 20:21
Thursday, June 25, 2026
ސިޔާސީ

މަސީހްގެ ވޯޓް ކައިރިވެފައި ވަނިކޮށް ނިހާންގެ އޯޑިއޯއެއް ލީކްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ވަގުތު ކުޑަ ތަންވެފައިވަނިކޮށް، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކު ޕީޕީއެމް މަޖްލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ލީކްވެފައިވާ އޯޑިއޯ ގައި ނިހާން ވިދާޅުވީ ހިތްވަރެއް ތިބި ބަޔަކު ނޫޅެ ކަމަށެވެ. އަދި އޭގެތެރޭގައި ރައީސާއެކު ޓައީ އަޅާފައި، އަޑުގަދަކޮށް އުޅޭ މެމްބަރުންވެސް ހިމެނޭކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

"މިއަދުވެސް މަ ބުނެފިމޭ އެއިން އެކަކާއި ދިމާއަށް، ކައޭ ތިއީ، އެންމެ ފަހުންވެސް ބޭއްވި މުޒާހަރާއަށް ނެރުނީމަ، އޭ އަހަރެން އެބަޖެހެއޭ ގެޔަށްދާން، އަންހެނުން އެބަ ވަރަށް ގުޅަޔެ ކިޔާފައި ދިޔަ މިހާ ނޫންހޭ. އެކަމު ލަދެއް ނުގަނޭއޭ މިހާރު ކަލޭ." ނިހާން ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮލު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށް ގިނަ މެމްބަރުން ނެރުނީ ގަދަކަމުން ކަމަށެވެ. އަދި އެގޮތަށް ނެރުމުންވެސް އަންހެނުން އެބަގުޅައޭ ކިޔައިގެން ގޮސް އެންމެ ފަހަތަށް ވަދެ އެންމެ ފަހުން ގޮސް ފިލާ ކަމަށެވެ.

ނިހާން ވިދާޅުވީ އެގޮތަށް ޖެހިލުމެއް ނެތި މުޒާހަރާތަކަށް ނިކުތީ އޭނާ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް އާއި އަލީ އާރިފްގެ އިތުރުން އިލްހާމް އާއި ރިޔާޒް ރަޝީދުކަމަށެވެ. އަދި މިހާރު މަހްލޫފް އަކީ ޕީޕީއެމް މެމްބަރެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ.

"އެގޮތަށް ނުދާނަމޭ ކިޔާ މައްސަލަ ނުޖައްސާނީ، މަހޭއާއި، މަހޭ މިހާރަކު ނެތްތާ. އަލީ އާރިފާއި، އިލްހާމާއި، މަށާ، ރިޔާޒު ރަޝީދާއި. ދެން ނާންނާނެ. ދެންޖެހޭނީ އާދޭސްކޮށްގެން ގެންނަން. ގެނެޔަސް ދެން ހުންނަނީ އެންމެ ފަހަތުގައި، ދެން ފިލާނެ" ނިހާން ވިދާޅުވެފައިވެއެވެ.

ލީގްވެފައިވާ އޯޑިއޯގައި ނިހާން އެންމެ ބޮޑަށް ފާޑު ވިދާޅުވެފައިވަނީ މެމްބަރު އަލީ ސަލީމްއަށެވެ. ނިހާން ވިދާޅުވީ މެމްބަރު އަލީ ސަލީމަކީ އާންމުކޮށްވެސް ފިލާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެއްކަމެއް ނުކޮށް ތިއްބަވައިގެންވެސް މެމްބަރުން އުޅެނީ ވަރަށް ޕީޕީއެމް އަދި ވަރަށް ބޮޑަށް ރައީސް އަބްދުﷲ ޔާމީން ވެގެން ކަމަށެވެ.

މި އޯޑިއޯ އާއި ގުޅޭ ގޮތުން މީޑިއާއިން ސުވާލު ކުރުމުން ނިހާން ވަނީ އެއްވެސް ޖަވާބެއް ނުދެއްވާފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކައިރިވެފައިވާ އިރު މި ލީކްވި އޯޑިއޯއިން މަޖްލިސް މެމްބަރުންގެ މެދުގައި ހިތް ހަމަނުޖެހުމާއި އިތުބާރު ނެތްކަމުގެ މައްސަލަ އުޅޭކަން ފާހަގަ ކުރެވެއެވެ.

މަސީހު އާއި ދެކޮޅަށް މައްސަލަ ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް މައުމޫން ވިދާޅުވީ މަސީހު ބޭރު ކުރުމަށް ޕީޕީއެމް މެމްބަރުން ވެސް ވޯޓު ދެއްވާނެކަމަށާއި ފާސްވާ ވަރަށް ވޯޓު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.