ރާއްޖޭގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުން ދިޔަ ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބް ފަސް ކުރުމަށް އަދި ވިސްނަވާފައި ނެތް ކަމަށް އިލެކްޝަން ކަމިޝަންއިން ބުނެފިއެވެ.
އިލެކްޝަން ކަމިޝަންގެ މީޑިއާ އޮފިޝަލް މިއަދު "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްވައިން ފުލޫ ފެތުރެމުން ދިޔަ ނަމަވެސް އިންތިހާބް ފަސްކުރުމަށް އަދި ވިސްނަވާފައި ނެތް ކަމަށެވެ.
އަންނަ އެޕްރިލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބްގައި ޖުމްލަ 1487 ކެންޑިޑޭޓުން ވާދަކުރާއިރު ކެންޑިޑޭޓުން ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ކެންޑިޑޭޓުން ތާއިދު ހޯދުމަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ އިރު މި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ނުނިކުތުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އާއްމުކޮށް ދަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ސްވައިން ފުލޫ ފެތުރެމުންދާތީ ސްކޫލްތައް ބަންދުކޮށް، ގިނަ ހަރަކާތަށް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މަޑު ޖައްސާލާފައެވެ.