އިންޑިޔާގެ ނިއު ދިއްލީގައި 5 މީހަކުވެގެން 28 އަހަރުގެ އަންހެނަކު ރޭޕް ކުރުމުން ސަލާމަތްވުމަށް ފުރަތަމަ ފަންގިފިލާގެ ބެލްކަނީ މަތިން ފުންމާލައިފިއެވެ.
އަންހެން މީހާ ރޭޕްކޮށްފައިވަނީ އޭނާ ގެއަށް ލައިދިނުމަށް އައި ދަންނަ މީހެކެވެ. އޭނާ ވަނީ ކުއްޔަށް ހިފާފައިވާ ކޮޓަރިއަކަށް ގެންގޮސް އިތުރު ހަތަރު މީހަކުވެގެން ގަދަކަމުން އަންހެން މީހާ އަށް ޖިންސީ ގޯނާކޮށްފައެވެ.
ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ ބީޕީއޯއެއްގައި މަސައްކަތް ކުރާ ތިން މީހުންނެވެ. ހަތަރު ވަނަ މީހާ މަސައްކަތް ކުރަނީ ފިނޭންސް ކުންފުންޏެއްގައެވެ. އަދި ފަސްވަނަ މީހާއަކީ މަސައްކަތެއް ނުކުރާ މީހެކެވެ. މިލާއިންސާނީ އަމަލު ހިންގި ފަސް މީހުންވެސް މިހާރު ވަނީ އިންޑިޔާ ފުލުހުން ހައްޔަރުކޮށްފައެވެ.
އަންހެން މީހާ ފުލުހުންނަށް ކިޔާދީފައިވާ ގޮތުން އޭނާ ގެއަށް ލައިދިނުމަށް އައި މީހާ ކާރުގައި އިތުރު ދެމީހަކު ތިއްބެވެ. އެއީ ކޮންބަޔެއްތޯ ސުވާޅުކުރުމުން އޭނާ ބުނެފައިވަނީ އެއީ އެހެންތަނަކަށް ލާން ޖެހޭ މީހުން ކަމަށާއި އެމީހުންގެ ދަތުރު ނިންމާލާފައި ގެއަށް ލައިދޭނެ ކަމަށެވެ.
ނަމަވެސް ތިން މީހުންވަނީ އެމީހުން ކުއްޔަށް ހިފައިގެން ތިބި ގެއަށް ދެވުމުން އަންހެން މީހާ ގަދަކަމުން ގޭތެރެއަށް ވައްދާފައެވެ. އަންހެން މީހާ ބެލްކަނީ އިން ފުންމާލާފައިވަނީ އެތަނުން އެކަކު ބެލްކަނީ ދޮރު ހުޅުވާފައިވަނިކޮށެވެ.
ބެލްކަނީ މަތިން ފުންމާލުމުން އަންހެން މީހާއަށް މަގުމަތިން އެހީތެރިވާނެ ފަރާތެއްވެސް ނުވިއެވެ. ނިވާވެލާނެ ފޮތިގަނޑެއް ދިއްކޮށްލާނެ މީހަކުވެސް އެހިސާބުގަނޑުގައި ނެތެވެ.