Last Updated: June 26, 20:28
Friday, June 26, 2026
ސިއްހަތު

ސިއްހީ ދާއިރާ ލާމަރުކަޒީ ކުރަން ޖެހޭ: ނަޝީދު

ބަލިމަޑުކަމުން ރައްކާތެރިވުމަށް އާންމުންނަށް މައުލޫމާތު ފޯރުމަށް ސިއްހީ ދާއިރާ ލާމަރުކަޒީ ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުންދާ ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މީހުން މާލެ އަށް ތޮއްޖެއްސުމަކީ ކޮނެވޭ ބޮޑު އަނދަވަޅެއް ކަމަށެވެ. މިހާރު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ އާއި ގުޅިގެން ނަޝީދު މިހެން ވިދާޅުވެފައިވަނީ މިބަލި ފެތުރެން ފެށުމުން ސަރުކާރުން ރައްޔިތުންނަށް އެކަމާއި ބެހޭގޮތުން މައުލޫމާތު ނުދީ ސިއްރުކުރުމާއި ގުޅިގެނެވެ.

އެޗްޕީއޭ އިން ވިދާޅުވެފައިވަނީ އޭރު އާންމުންނާއި މައުލޫމާތު ހިއްސާކޮށްފައިނުވަނީ އޭރު އެއީ އެހާ ސީރިއަސް ކަމެއް ކަމަށް ނުދެކޭތީއެވެ.

ސްވައިން ފްލޫ ޖެހިގެން މިހާތަނަށް އެކަކު މަރުވެފައިވާއިރު މާބަނޑު އަންހެނަކު ވަނީ ބަލީގެ ސަބަބުން ސީރިއަސްވެ ބަނޑަށް ފަސް މަހުގައި ދަރިފުޅު ނަގާފައެވެ. އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ ދެމައިންގެ ހާލުވެސް ސީރިއަސް ކަމަށެވެ.