Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

ސްވައިން ފްލޫ އަށް ޝައްކު ކުރެވޭ ތިނަދޫ މީހަކު މާލެ އަށް

ގދ. ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މާބަނޑު އަންހެނަކު ސްވައިން ފްލޫ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭތީ، އޭނާ މާލެ ގެނެސްފިއެވެ.

އެ އަންހެން މީހާ އަކީ ގދ. ފިޔޯރީ ސިއްޙީ މަރުކަޒުން އިތުރު ފަރުވާއަށްޓަކައި ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު މީހެކެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހެލިކޮޕްޓަރުގައި އެ އަންހެން މީހާ އިއްޔެ މާލެ ފޮނުވަން އުޅުނު ކަމުގައިވިޔަސް، މޫސުން ގޯސްވުމުގެ ސަބަބުން އެކަން ވަނީ ނުކުރެވިފައެވެ. އަދި މިއަދު ފަތިރު އޮތް ފްލައިޓަކުން އޭނާ މާލެ ގެންދިއުމަށް ވަނީ ޖާގަ ލިބިފައެވެ.

ތިނަދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު އަބްދުލް ހަކީމް އާއި ހަވަލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރާ ގޮތުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އަށް ޝައްކު ކުރެވޭ ހަތަރު މީހަކަށް ތިނަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި، މާބަނޑު މީހާ މާލެ ފޮނުވުމަށް ނިންމީ އޭނާ އަކީ ސްވައިން ފްލޫގެ އަސަރު ކުރާ ހައި ރިސްކް ގްރޫޕެއްގައި ހިމެނޭ މީހަކަށް ވުމުންނެވެ.

މިހާތަނަށް ސްވައިން ފްލޫ އަށް ރާއްޖެއިން 279 މީހުން ޓެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ސްވައިން ފްލޫ އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައެވެ.