Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

ހައި ކޯޓްގެ ގޮފިތަކުގެ ފަނޑިޔާރުން ރޮޓޭޓް ކުރެވޭ ޤަވާއިދެއް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ރޮޓޭޓް ކުރެވޭ ގޮތަށް ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާ އާ ޤަވާއިދެއް ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފިއެވެ.

މިހާތަނަށް އެ ޤަވާއިދު ޤާއިމްކޮށްފައި ވަނީ ހަމައެކަނި ދެކުނުގައެވެ. އެގޮތުން އެ ގޮފި ހުންނަނީ އައްޑޫ ސިޓީގެ މީދޫގައެވެ. އަދި ހދ. ކުށުދުއްފުށީގައި ޤައިމް ކުރަން ޖެހޭ އުތުރު ގޮފި ޤާއިމްކޮށް ފަނޑިޔާރުން ހަމަޖައްސާފައެް ނުވެއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ޤަވާއިދުގައި ވާގޮތުން ގޮފިތަކަށް ހަމަޖައްސާ ފަނޑިޔާރަކީ ހައި ކޯޓުގައި ކުރިއްސުރެ މަސައްކަތް ކުރާ ފަނޑިޔާރަކުނަމަ އެ ފަނޑިޔާރަކު ހަމަޖައްސާތާ މަދުވެގެން އެއް އަހަރު ވުމުން އެ ފަނޑިޔާރަކު ބޭނުންނަމަ ހައިކޯޓަށް ނުވަތަ ހައިކޯޓުގެ އެހެން ގޮތްޕަކަށް އަލުން ހަމަޖެއްސިދާނެ އެވެ.

އެ ޤަވާއިދުގައި އިތުރަށް ބުނެފައިވާ ގޮތުން ޤަވާއިދަށް ޢަމަލު ކުރަން ފެށުމުން، އަލަށް އައްޔަން ކުރެވޭ ހައި ކޯޓްގެ ފަނޑިޔާރުން ހަމަޖައްސާނީ އެވަގުތަކު ހުސްކޮށް އޮތް ގޮތްޕެއްގެ ފަނޑިޔާރު ކަމުގެ މަޤާމަށެވެ.

ކޯޓުތަކުގެ ގާނޫނު ގެ 35 ވަނަ މާއްދާގެ (ޅ)ގައި ބުނެފައި ވަނީ އެ މާއްދާގެ ދަށުން ގާއިމްކުރެވޭ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ.