އޭޝިއަން ފުޓްބޯޅާ ކޮންފެޑަރޭޝަން (އޭއެފްސީ) މީޑީއާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާޗު މަހުގެ 22 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ވޯކްޝޮޕްގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ކްލަބްތަކުން ޚަބަރު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އާންމުންނަށް ވެސް ބައިވެރި ވެވޭނެ އެވެ.
އެ ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާއަށް ހުށައަޅަން ވާނެއެވެ.
އެ ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ދޭނީ އޭއެފްސީގެ އިންސްޓްރަކްޓަރުންނެވެ.
އެފްއޭއެމް އިން މަޢުލޫމާތު ދޭ ގޮތުގައި އެ ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް އެ އިދާރާގެ ރަސްމީ ގަޑި ކަމަށްވާ ހެނދުނު 09:00 އިން ހަވީރު 04:00 އާއި ދެމެދު އެ އިދާރާ އިން ލިބެން ހުންނާނެއެވެ.
ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުތު:
1. ދިވެއްސަކަށްވުން.
2. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހަކަށްވުން.
3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އެނގުން (އެންމެ ދަށްވެގެން ގްރޭޑް އަށެއްގެ ފެންވަރު).