މަޝްހޫރު ހިންދީ ފިލްމް ތަރި ކަރިސްމާ ކަޕޫރް އާއިއެކު 13 އަހަރު ދުވަހުގެ ކައިވެނި ނިންމާލުމަށްފަހު، ސަންޖޭ ކަޕޫރް މިހާރު އުޅެނީ އޭނާގެ ލޯބިވެރިޔާ ޕްރިޔާ ސަޗްދޭވް އާއި ކައިވެނި ކުރަންށެވެ.
ކަރިސްމާގެ ކުރީގެ ފިރިހެނުން ސަންޖޭ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ ޕްރިޔާގެ ކައިވެނި އޮންނާނީ އޭޕްރީލް މަހު އެމެރިކާގެ ނިއު ޔޯކް ގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
އެކައިވެންޏަށް ދައުވަތު ދީފައި ވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނަށާއި ގާޓް ރަހުމަތްތެރިންނަށެވެ. ކައިވެނީގެ ދައުވަތު ލިބުނު މީހުން ދަނީ ނިއު ޔޯކް އަށް ދިއުމުގެ ކަންތައްތައް ރާވަމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ސަންޖޭ އާއި އޭނާގެ އާއިލާ ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވެއެވެ.

އަދި ކަރިސްމާ އާއިއެކު ވަރީގެ ކަންތައްތައް ދިޔައީ އެހާ ފަސޭހަކޮށް ނޫން ކަމަށާއި، ނިއު ޔޯކް ގައި އޮންނަ ސަންޖޭގެ ދެވަނަ ކައިވެނީގެ ޚަބަރު ލިބިފައި ވަނީ ހަމައެކަނި ސަންޖޭގެ އާއިލާ އަށާއި ގިނަ ދުވަސްތަކެއް ވަންދެން އެ އާއިލާއާއި އެކު ރަހުމަތްތެރިކަން އުފެދިފައިވާ ފަރާތްތަކަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ސަންޖޭ އާއި ކަރިސްމާގެ ވަރި ފައިނަލްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މުމްބާއީގެ ފެމިލީ ކޯޓެއްގައެވެ.
ސަންޖޭގެ މިހާރުގެ ލޯބިވެރިޔާ ޕްރިޔާ ކުރިން ކައިވެނި ކޮށްގެން އުޅުނީ ހޮޓެލް ހިންގާ ވިކްރަމް ޗަތުވަލް އާއިއެވެ.