Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ސިޓީ ހިތްދަތި ގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަދި މޮނަކޯ ބައްދަލުކުރި މެޗުގެ ދެނަވަ ލެގު 1-3 އިން މޮނަކޯ ކާމިޔާބުކޮށް އެގްރިގޭޓު ސްކޯ 6-6 އަށްވެ އެވޭ ގޯލުގެ ތަފާތުން މޮނަކޯ މިފަހަރުގެ ކުއާޓާއަށް ދަތުރުކޮށް ސިޓީ ގެއަށް ފޮނުވާލައިފިއެވެ.

މިމެޗުގެ ފުރަތަމަ ލެގު ސިޓީ ކާމިޔާބުކޮށްފައިވަނީ 3-5 އިންނެވެ. އެމެޗުގައި މޮނާކޯ ރަށުން ބޭރުގައި ތިން ގޯލު ޖަހާފައިވުމުން އެވޭ ގޯލުގެ ތަފާތުން ސިޓީއަށް ވަނީ މެޗުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮނަކޯ އިން ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ. 8 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ މްބަޕޭ ލީޑު ނަގާފައިވާއިރު މޮނަކޯ އިން ލީޑު ފުޅާކޮށްފައިވަނީ 29 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފު 0-2 އިން މޮނަކޯ ލީޑުގައި އޮވެ ނިންމާފައިވާއިރު ސިޓީ ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ލީރޮއި ސަނޭ ވަނީ 71 ވަނަ މިނެޓުގައި ސިޓީއަށް ގޯލެއް ކާމިޔާބުކޮށް އެގްރިގޭޓް ސްކޯ 5-6 އަށް ހަދާފައެވެ. ނަމަވެސް މޮނާކޯ އިން ވަނީ ބަކަޔޯކޯގެ ގޯލަކާއެކު ނަތީޖާ 1-3 އަށް ހަދާފައެވެ.

ސިޓީގެ އަލްވިދާއުއާއި އެއްކޮށް މިސީޒަނުގައި ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޓީމަކަށް ބާކީ އޮތީ ހަމައެކަނި ލެސްޓާއެވެ. ޓޮޓެންހަމް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އާސެނަލް ވަނީ 7 ވަނަ ފަހަރަށް ނޮކްއައުޓް ސްޓޭޖުން ކަޓާފައެވެ.

ރޭގައި އެތްލެޓިކޯ މެޑްރިޑާއި ބެޔާ ލެވަކޫސަން ކުޅުނު މެޗު ވަނީ 0-0 އިން އެއްވަރުވެފައެވެ. އެތްލެޓިކޯ ވަނީ މިމެޗުގެ ފުރަތަމަ ލެގު ރަށުން ބޭރުގައި 2-4 އިން މޮޅުވެ ކުއާޓާއަށް ދަތުރުކޮށްފައެވެ.