Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ސްވައިން ފްލޫ ޖެހިގެން އަންހެނަކު ނިޔާވެއްޖެ

ފޮޓޯ-ސަން

އައިޖީއެމް ހޮސްޕިޓަލުގައި ސްވައިން ފްލޫއަށް ފަރުވާދެމުން ދިޔަ 51 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ފ. ނިލަންދޫ ބުރުނީގޭ ފާތުމަތު އިސްމާއީލެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފާތުމަތު ހޮސްޕިޓަލަށް ގޮސްފައިވަނީ ކިޑްނީ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ހޯދާށެވެ. ނަމަވެސް ފްލޫގެ އަލާމާތްތައް ފެންނަން ހުރުމުން ޓެސްޓު ހެދުމުން އެމީހާ ވަނީ ސްވައިން ފްލޫ އަށް ޕޮސިޓިވް ވެފައެވެ.

މީގެ އިތުރުން ރޭ ފަތިހު ވަގުތެއްގައި ބ.އޭދަފުށީގައިވެސް ވަނީ އަންހެނަކު ހުމަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ. އެމީހާ އެޑްމިޓްކޮށްފައިވަނީ ނޭވާލުމުގައި އުނދަގޫ ތަކެއް ކުރިމަތިވެގެންނެވެ. އޭދަފުށީ ލިލީޕާކު، ފާތުމަތު ނަޖުމާ މޫސާ، 59 މަރުވެފައިވަނީ ސްވައިން ފްލޫ ޖެހިގެން ކަމެއް ޑޮކްޓަރުންނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެޗްޕީއޭ އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 279 މީހަކު ސްވައިން ފްލޫއަށް ޓެސްޓުކޮށްފައިވާއިރު މިބަލި މިހާތަނަށް 82 މީހަކަށް ޖެހިފައިވެއެވެ.

މިމަހުގެ 4 ވަނަ ދުވަހު 26 އަހަރުގެ ފިރިހެނަކު ވަނީ މިބަލި ޖެހިގެން މަރުވެފައެވެ. 51 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު މާބަނޑު އަންހެނަކުވެސް ވަނީ ސީރިއަސް ހާލަތުގައެވެ.