ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ކޮންޓްރޯލް ނުވެ އިތުރު މީހަކު ނިޔާވުމާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ މާބަނޑު މުވައްޒިފުންނަށް ވަކިގޮތެއް އަންގަންދެން ގޭގައި ތިބުމަށް އަންގައިފިއެވެ.
މިއަދު ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހުމުގެ ސަބަބުން މާބަނޑު މީހުންނަށް ރިސްކު ބޮޑުވާތީ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން މާބަނޑު މުވައްޒިފުން ޑިއުޓީއަށް ހާޒިރު ވާން ނުޖެހޭނެ ކަމަށެވެ.
އަދި މިދުވަސްތަކުގައި ހާޒިރުނުވާ މާބަނޑު މުވައްޒިފުންގެ މުސާރައިން ހާޒިރުނުވާތީ މުސާރަ ނުކެނޑޭނެ ކަމަށް ކޮމިޝަނުން އަންގާފައިވެއެވެ. ގައުމީ ޔުނިވާސިޓީ އަދި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އެއިދާރާތަކުގެ މާބަނޑު މުވައްޒިފުންނަށް ވަޒީފާއަށް ނިކުންނަން ނުޖެހޭ ގޮތަށް ހަދާފައެވެ.
ސްވައިން ފްލޫ ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80 އަށް ވުރެ މައްޗަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ ދޭކަށް އަރާފައެވެ.