ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އައްޑު އަށް ވަޑައިގަންނަވަން ރޭވި ހުރިހާ ދަތުރުފުޅެއް ކެންސަލް ކުރައްވައި، އެ މަގާމުގައި ހުންނަވައިގެން އައްޑު އަށް ވަޑައިނުގެންވި ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
އެކަމަނާ އައްޑު އަށް ވަޑައިގެންފައި މި ވަނީ މިދިޔަ މަހު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އާ ކައިވެނި ވެސް ބައްލަވައިގެންފައި ވަނިކޮށެވެ.
އިރުތިޝާމް މިއަދު އައްޑު އަށް ވަޑައިގަތުމުން، ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކާއި ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.
އައްޑޫގައި ހަދަން ނިންމި 100 އެނދުގެ ހޮސްޕިޓަލް ކުރިއަށް ނުދާ މައްސަލާގައި އައްޑޫ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުންތަކެއް ހެލްތު މިނިސްޓަރުގެ މަގާމުގައި އިރުތިޝާމް ހުންނެވި ދުވަސްވަރުކޮށްފައިވެ އެވެ.
އަދި ބައެއް މީހުން އެކަމަނާ އޭރު ޓްވިޓާ މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހަޅާފައިވެ އެވެ. އެކަމާ ގުޅިގެން އިރުތިޝާމް ވަނީ ބައެއް މީހުން ޓްވިޓާ އިން ބްލޮކް ވެސް ކޮށްލައިފަ އެވެ.
އައްޑޫ މީހަކާ ކައިވެނި ބައްލަވައިގެން އައްޑު އަށް ވަޑައިގެންނެވޭ ގޮތް ވުމުން، އިރުތިޝާމްގެ މި ދަތުރުގައި، އައްޑޫ ޒުވާނުންނަށް ގިނަ ވައުދުތަކެއް ވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބު ވެސް އޮތުމެވެ.