ސޯޝަލް މީޑިޔާގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބް ޝަމީމް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.
ތޮއްޔިބު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 12:00 އެހާކަށްހާއިރެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ސައުދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ފުލުހުން ވަނީ އިއްޒަތްތެރިންގެ ކަރާމާތަށް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގުމަށް ޖާގައެއް ނުދޭނެ ކަމަށްބުނެ މީގެ ކުރިން ބަޔާނެއް ނެރެފައެވެ.
ތޮއްޔިބް ރޭގައި ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ އެމްއެމްއޭގެ ދެމީހެއްގެ ބެލުމުގެ ދަށުން އާރަށަށް ސައުދީ ހެލިކޮޕްޓަރުން 12 ކަޅު ފޮށްޓާއި ރިހި ފޮއްޓެއް ގެންގޮސްފައި ކަމަށް ޓުވީޓުކޮށްފައެވެ.
ތޮއްޔިބް ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ހަރުގެ އަނެއްކާވެސް ފުލުހުން ފާސްކުރުމަށް ފަހުގައެވެ. މިފަހަރުވެސް ފޮތި ފޭލިތަކެއް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.