ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަޢޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ފްލޫގެ ރޯގާއާ ގުޅިގެން ކަމަށެވެ.
"ދިވެހި ރާއްޖޭގައި މިހާރު ފެތުރެމުންދާ ފުލޫގެ ރޯގާއާ ގުޅިގެން ސައުދީ ރަސްގެފާނު ދިވެހި ރާއްޖެ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ވާހަކަ ތިޔަ އެންމެހާ ބޭފުޅުންގެ މައުލުމާތަށް ޓަކައި ދަންނަވަން،" މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވި ނަމަވެސް އެއީ ކޮން ތާރީހަކަށް ކަމެއް ފޮރިން މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ސައުދީ ރަސްގެފާނާއި އަދި އެމަނިކުފާނާ އެކު ރާއްޖެ ޒިޔާރަތް ކުރުމަށް ހަމަޖެއްސި ވަފުދުގެ ބޭފުޅުން ތިއްބެވުމަށް ރާއްޖޭގެ ރީތި ރަށް ރިސޯޓާއި އަދި އިތުރު ރިސޯޓެއް ބުކްކޮށްފައިވެއެވެ. އަދި ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ސަރުކާރުން ވެސް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.