އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި ހުކުރު ހުތުބާ ކިޔުމަށް ހަމަޖެހިފައިވާ ހަތީބު ނައިސްގެން ހިތަދޫ މިސްކިތެއްގައި ހުކުރު ނުކުރެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތީބު ހަމަޖެހިފައި ނެތުމުގެ ސަބަބުން މިއަދު ހުކުރު ނުކުރެވުނީ، ހިތަދޫ މަސްޖިދުއް ޛިއްނޫރައިން (ދޮންއަހަންމާދީ މިސްކިތް) ގައެވެ.
މިސްކިތްތަކުގައި ހުކުރު ކުރުމަށް ކޮންމެ މިސްކިތަކަށް ވެސް 2 ބޭފުޅަކު ހަމަޖައްސައެވެ. އެއީ ހުކުރު ކުރުމަށް ހަމަޖައްސަވާ ބޭފުޅާއަށް ހާޒިރު ނުވެވިއްޖެ ހާލަތެއްގައި ބަދަލުގައި ހުކުރު ކުރައްވަން ހަމަޖައްސަވާ ބޭފުޅެކެވެ.
މިއަދު މަސްޖިދުއް ޛިއްނޫރައިން ގައި ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ކޮން ބޭފުޅެއް ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ހުކުރު ކުރާނެ އިމާމަކު މިސްކިތަށް ހާޒިރު ނުވުމުން އެ މިސްކިތަށް ދިޔަ މީހުން ހުކުރު ނަމާދު ކުރުމަށް ދާން ޖެހުނީ އެހެން މިސްކިތްތަކަށެވެ.