އީދިގަލި ކިޅި ހިމާޔަތް ކުރުމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެއީ އާއްމު ވާހަކައެކެވެ. އަދި އެއީ ސިޔާސީ ކަމެކެވެ. ސ. ހިތަދޫ އުތުރުގައި އޮތް އީދިގަލި ކިޅިއަކީ ރާއްޖޭގައި ވެސް ނެތް ވަރުގެ ގުދުރަތީ މުއްސަދިކަމެއް ލިބިފައިވާ ތަނެކެވެ.
އެތަނުގައިވާ ގަސްގަހާ ގެއްސާއި އެތަނަށް ޒިޔާރަތް ކުރާ ގިނަ ދޫނި ސުފާސޫފިން އެތަނުގެ ގުދުރަތީ ރީތިކަން އެތައް ގުނައަށް މުއްސަދިކޮށްފަ އެވެ.
އެ ސަބަބާއި ހެދި އައްޑޫއަށް ޒިޔާރަތް ކުރާ ގިނަ ބަޔަކު އެންމެ ގިނައިން ޒިޔާރަތް ކުރާ އެއް ތަނަކީ ހިތަދޫ އީދިގަލި ކިޅި އެވެ. އެތަނުގެ ހިތްގައިމު މަންޒަރުތަކުން ދަތުރުވެރީންނަށް އާދަޔާ ހިލާފް އުފާވެރި ކަމެއް ގެނެސް ދެ އެވެ. އަދި އޭގެ ތެރެއިން ވެސް ކޮންމެ ދުވަހަކު އީދިގަލި ކިޅިން ފެންނަ އެތައް ސަތޭކަ މާކަނާތަކާއި ފާޑުފާޑުގެ ހިޖްރަ ކުރާ ދޫނިތަކުގެ ސަބަބުން އެތަނުގެ ފުރިހަމަކަން ވަނީ އިންތިހާގަ އެވެ.
ހިތަދޫ އީދިގަލި ކިޅި ހިމާޔަތްކޮށްފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އެތަން ވަނީ ހިމާޔަތް ކުރެވިފައި ހެއްޔެވެ؟
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި ހިތަދޫގައި ދިރިއުޅޭ ބިދޭސީންގެ ކުނިގޮޑަކީ އެކިޅިއެވެ. އެ ކިޅިވަށައިގެންވާ ސަރަހައްދެވެ. އީދިގަލި ކިޅި ވަށައިގެންވާ ސަރަހައްދަކީ ވެސް ހިމާޔަތް ކުރެވިފައިވާ ތަނެކެވެ.
ހިތަދޫ ކޯއްޓޭ އާއި ބަރަވެލިމުލި އާއި ކޯހެރަ، ކަށްބޯހެރަ ސަރަހައްދުގެ ބޮޑުބައިވެސް މިހާރު ވަނީ ގޮޑުވެފައިއެވެ. އަނެއްކޮޅުން ކޯއްޓޭގެ އެކި ސަރަހައްދު ތަކުން ވެލި ނެގުމާއި ކުނި އެޅުން އާއްމުވެފައިވާ އިރު އަދިވެސް ދައްކަނީ އެތަން ހިމާޔަތް ކުރާ ވާހަކަ އެވެ.
އީދިގަލި ކިޅި އާއި އެ ސަރަހައްދުގެ ވަށައިގެންވާ މާހަލު ހިމާޔަތް ކުރާ ވާހަކައިގެ ތެރެއިން އަނެއް ވާހަކައަކީ އެތަނަށް ގެންނަ އީކޯ ޓޫރިޒަމެވެ. އީދިގަލި ކިޅި ހިމާޔަތްކުރަނީ ވެސް އެހެން ވެގެންނެވެ. އެތަނުން ނެގޭ ހަގީގީ ނަފާވެރިކަން އަންނަނީ އެ އިކޯ ޓޫރިޒަމްގެ ތެރެއިންނެވެ.
ނަމަވެސް އީކޯ ޓޫރިޒަމް ގެންނަން ބަލާއިރު މިއަދު އެތަނުގެ ވަށައިގެންވަނީ ކުނި ގޮޑެކެވެ. ވަށައިގެންވާ ގޮޑުދޮށްތަކުން ވެއްޔާއި އަކިރި ނަގައި އެސަރަހައްދުގެ ބޮޑުބައެއް ވަނީ ހަލާކުކޮށްލާފަ އެވެ. ދުވާލު މެންދުރު އެންމެންގެ ލޯ މަތިން މިހުރިހާ ކަމެއް ހިގާއިރު އެންމެން މި ތިބެނީ ބަސް ހުއްޓި އަނގައިން ނުބުނެ ގަނބުވެފަ އެވެ.
މިތަނުގެ ސަބަބުން އައްޑޫ އާއި ހިތަދޫ ރައްޔިތުންނަށް ލިބޭނެ ހަގީގީ ފައިދާ އަށް ވުރެ ވަކި ބަޔަކު މިތަން ހަލާކުކޮށްލައިގެން ނަގާ މަދު ލާރިކޮޅަކަށް ފުރުސަތު ދީގެންނެވެ.
ބޮޑެތި ޓޫރިޒަމް ޕްލޭންތަކާއި، އިންވެސްޓްމަންޓްތަކުގެ ވާހަކައިގައި ތިއްބާ ތަން ހަލާކުކޮށް ނިމެނީ އެވެ. މިކަމާ ނިކުމެ މަަސައްކަތް ކުރާނެ ބަޔަކު ތިބިހެނެއް ހީވެސް ނުވެ އެވެ. ނަމަވެސް މިތަނުގެ މުސްތަގްބަލާއި މެދު ހުވަފެން ބަލާ މީހުން ވެސް މަދެއް ނޫނެވެ.
ކުނި ގޮނޑުތަކަށް އަންނަނީ ކޮން ޓޫރިސްޓުނެއް ހެއްޔެވެ؟ އައްޑު އަށް ޓޫރިސްޓުން އަންނަނީ ގޮނޑު ހޮވަން ހެއްޔެވެ؟ އެހެންވެއްޖެ ނަމަ އިކޯ ޓުރިޒަމަށް އެންމެ ފައްކާ ތަނަކީ އީދިގަލި ކިޅި ސަރަހައްދެވެ. އަދި އެސަރަހައްދު ވަނީ އެފަދަ ޓޫރިޒަމަކަށް ވަރަށް ފުރިހަމަ އަށް "ހިމާޔަތްކޮށްފަ" އެވެ.