ސީރިޔާގެ ރައީސް ބަޝާރުލް އަސަދާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން މަނާ ކެމިކަލްއެއް ކަމަށްވާ "ވައިޓް ފޮސްފަރަސް" ބޭނުން ކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ވީޑިއޯގައި ފެންނަނީ ރަޝިޔާއިން ދިން ހަމަލާތަކުގައި ގޮވުންތަކާއެކު ހުދު ދުން އަރައިގެން ދިޔަ ތަނެވެ. މަންޒަރު ދުށް ފަރާތްތަކުން "އިންޑެޕެންޑެންޓް" އަށް ކިޔާ ދީފައިވާގޮތުން ގޮވުމާއި އެއްކޮށް އެކި ފަހަރު މަތިން ހުދު ދުން އަރައިގެން ދިޔައެވެ.
ރަޝިޔާ އިން ހުދު ފޮސްފަރެސް އަޅާފައިވާ ބޮންތަކެއް ސީރިޔާއަށް ވައްޓާލާފައިވަނީ އެމީހުންގެ ހަނގުރާމަ މަތީ ބޭނުންކުރާ މަތިންދާބޯޓު މެދުވެރިކޮށެވެ.
ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގައި އެކި ގައުމުތަކުން ހުދު ފޮސްފަރެސް ބޭނުންކޮށްފައިވާއިރު މިއީ މިހާރު ބޭނުން ކުރުން މަނާ އެއްޗެކެވެ. ހުދު ފޮސްފަރަސް އަކީ ބޭނުންކޮށްފިނަމަ ވަރަށް ގަދައަށް އަނދާ މާއްދާއެކެވެ.
ރަޝިޔާ އެމްބަސީއެއްގެ ތަރުޖަމާނު ވަނީ ސީރިޔާގައި އެއްވެސް މަނާ މާއްދާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެ ތުހުމަތުތައް ދޮގު ކޮށްފައެވެ.