އެމެރިކާގެ ފަޔާ ޑިޕާޓްމެންޓުގެ އެމަޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ އެމްބިއުލާން ވަގަށް ނަގަން އުޅުމުގެ ތެރޭގައި ވަގުކަލޭގެ އަތުން އެމްބިއުލާންސުގެ ދަށުވެ މެޑިކް މަރުވެއްޖެއެވެ.
ފަސް ކުދިންގެ މަންމައެއް ކަމަށްވާ، 44 އަހަރުގެ ޔާޑިރާ އަރޯޔޯ މަރުވެފައިވަނީ މާބަނޑު އަންހެނަކު ނަގަން ދިޔަ މަގުމަތީގައި އޭނާގެ އެމްބިއުލާންސް ފޭރެން އުޅުމުގެ ތެރޭގައެވެ.
ޚަބަރު ލިބޭ ގޮތުގައި 25 އަހަރުގެ ގޮންޒާލޭޒް ނަމަކަށް ކިޔާ މީހަކު މަގުން ދިޔަ އަންހެނެއްގެ ދަބަސް ފޭރެން އުޅެނިކޮށް އޭނާ ހުއްޓުވުމަށް އެމްބިއުލާންސް މަޑުކުރުމުން ގޮންޒާލޭޒް ވަނީ މެޑިކް ވައްޓާލާފައި އެމްބިއުލާންސަށް އަރާފައެވެ. އޭރު އަރޯޔޯގެ ޕާޓްނަރު، މޮނީކް ވިލިއަމްސް ހުރީ ޕެސެންޖަރ ސީޓުގައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އަރޯޔޯ އޭނާގެ އެމްބިއުލާންސް އަތުލަން އުޅެނިކޮށް ގޮންޒާލޭޒް ވަނީ އަރޯޔޯ އެމްބިއުލާންސުގެ ދަށުކޮށްލާފައެވެ. އޭނާ ވަނީ އަރޯޔޯ ދަށުކޮށްލުމަށްފަހު ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ޕާކް ކޮށްފައިވާ ކާރެއްގައި ޖެހިފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެސަރަހައްދުގައި ހުރި އޮފް ޑިއުޓީ އޮފިސަރަކާއި އާންމުން ވެގެންނެވެ.
އަރޯޔޯ މަރުވެފައި ބިންމަތީގައި އޮތްތަން ފެނި، ޕާޓްނަރު މޮނީކް ވަނީ އެވަގުތު ފުލުހުން ހައްޔަރުކުރަމުން ގެންދިޔަ ގާތިލު ގައިގައި ޖެހުމަށް މަސައްކަތް ކޮށްފައެވެ. "އަހަރެންގެ ޕާޓްނަރު، އަހަރެންގެ ޕާޓްނަރު" ކިޔާ މޮނީކް ވަނީ ލިބުނު ޝޮކެއްގައި ހަޅޭއްލަވައިގެންފައި ކަމަށް ޚަބަރު ލިބެއެވެ.
މަރުވެދިޔަ އަރޯޔޯއަށް އެމެރިކާ ފުލުހުން ވަނީ ގާޑް އޮފް ހޮނާރ އެއް އަރުވާފައެވެ. ނިއު ޔޯކްގެ މޭޔަރުވެސް ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. ފަޔާ ޑިޕާޓްމެންޓުގެ ޗީފް ވާހަކަދައްކަމުން ބުނެފައިވަނީ އަރޯޔޯ މަރުވެފައިވަނީ ބިރެއް ނެތި ހިތްވަރުގަދަކަމާއެކު ނުރައްކަލުން މީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އޭނާ ކުރިމަތިލީ ކުރިމަތިލާން ޖެހޭ ފަދަ ނުރައްކަލަކާއި ނޫން ކަމަށް އޭނާ ވަނީ އިތުރުކޮށްފައެވެ.