ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ހުންނަ "ބޯ އަނބުރާ މިސްކިތް" ބޮޑުކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މި މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި އެވެ.
"އައްޑޫ އޮންލައިން" އާ ވާހަކަ ދައްކަމުން އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު މިއަދު ވިދާޅުވީ މަސައްކަތް ވަަރަަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެހެންވެ މި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ައޭނާ ވިދާޅުވީ ދީލަތި ފަރާތްތަކެެއްގެ އެހީތެރިކަމާ އެކު ގާތްގަަޑަކަށް ހަތްލައްކަ ރުފިޔާ ހަރަދުކޮށްގެން ޖާގަ ބޮޑުކޮށް، އިމާރާތް ކުރާ މިސްކިތުގެ އެތެރޭގެ ޖާގަައަކީ 170 ކަމަށެވެ. "ބޯ އަނބުރާ މިސްކިތު" ގެ ނަމުން މަޝްހޫރު 44 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް ގުއްބަ އާއި މުންނާރު ވެސް ހިމަނައިގެން ކަމަށް މިސްކިތް އިމާރާތް ކުރާ ޓީމުން ބުންޏެވެ.
"އެހެން ނަމަވެސް ފެންޑާ އާ ލައިގެން 200 އެއްހާ މީހުންނަށް އެއް ފަހަރާ މިސްކިތުގައި ނަމާދު ކުރެވޭނެ. އަޅުގަނޑުމެން ގަބޫލް ކުރަނީ މީގެ ސަބަބުން އެ މިސްކިތް ބޭނުން ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ "ބޯ އަނބުރާ މިސްކިތަ"ކީ ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މިސްކިތަަކަށްވެފައ، އެތަނަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެ މިސްކިތް ބޮޑު ކުރުމުގެ ހިޔާލު އެ ބޭފުޅުންގެ ތެރޭގައި ގެންގުޅުއްވާތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ.
"އެހެންވެ އެ ޝައުގުގައި އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލަށް ސިޓީ ލިޔެގެން، ކައުންސިލްގެ އެހީތެރިކަން ލިބިގެން މި މަސައްކަތް ފެށޭ ގޮތްވީ،" އޭނާ ވިދާޅުވި އެވެ.