ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ގުޅިގެން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލްކެޝަންސް އިން މައުލޫމާތު ދޭ ގޮތުގައި އިންތިހާބު ދެން ބޭއްވުމަށް ނިންމާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ، ގައުމީ ލަފާދޭ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިޚާބު ފަސްކުރުމަށްް ނިންމާފައި ވަނީ ސްވައިން ފްލޫ ފެތުރެމުންދާތީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފައިވާތީއެވެ.
އިލެކްޝަންސް އިން ބުނި ގޮތުގައި އިންތިޚާބަކަށް ވުމުން އެތައް ބަޔަކު އެއް ތަނަކަށް ވެ، އެތައް ހަރަކާތްތަކެއް ކުރާއިރު، ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އިރުޝާދު ދޭ ކަމަށެވެ.
ނަމަވެސް ދާދި ފަހުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އިލެކްޝަންސްގެ މީޑީޔާ އޮފިޝަލް ވަނީ އިންތިޚާބު ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.