އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު 'އައްޑޫލައިވް' އަށް ވިދާޅުވި ގޮތުގައި މާރާމާރީ އެއްގައި ޒަޚަމްވި 25 އަހަރުގެ ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
" 25 އަހަރުގެ ފިރިހެނަކަށް ފަރުވާ ދެމުން ގެންދަނީ. އޭނާގެ ވާތު ކޮނޑުހުޅަށް އަނިޔާވެފައި ވަނީ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިރޭގެ ވަގުތެއްގައި ޑިސްޗާޖް ކުރެވޭނެ ކަމަށް ބެލެވޭ." ޝާހު ވިދާޅުވިއެވެ.
މިރޭގެ މާރާމާރީ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔަ ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ހިތަދޫގައި ރޭ ވެސް ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ވަނީ ޒަޚަމްކޮށްލާފައެވެ. އެ މާރާމާރީ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވަނީ ގެންގޮސްފައެވެ.