ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ވުޒާރާތަކުގައި 93 ކޯޑިނޭޓަރުން ތިއްބަވާ އިރު އެމީހުންގެ މަސައްކަތަކީ، ސަރުކާރު ދިފާއުކުރުމާއި، ސަރުކާރުގެ ވެރިންނަށް ސަނާ ކިޔުމެވެ. ވަޒީފާގެ ބަޔާނުގައި ސީދާ އެހެން ލިޔެފައި ނެތް ނަމަވެސް އެމީހުންގެ މަސައްކަތަކީ އެއީއެވެ.
ފ.އަތޮޅުގެ މައްސަލައިގައި ސަރުކާރަށާއި ސީދާ ސައުދީ ރަސްގެފާނަށް އަމާޒުކޮށް ޓްވިޓާގައި ވަރުގަދަ 'ހަނގުރާމަ' އެއް ފެށިފައި ވާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ އަޑު ވަރަށް މަޑެވެ. ކޯޑިނޭޓަރުންގެ ވަޒީފާގައި ތިބެ، ސަރުކާރު ދިފާއު ކުރުމަށް މާބޮޑެތި މަސައްކަތްތަކެއް ކުރެވޭ ތަނެއް ނުފެނެއެވެ.
ސޯޝަލް މީޑިޔާގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ ވަރުގަދަ އެކްޓިވިސްޓުން ކަމަށްވާ ޝައްމޫން ޖަލީލް (ލޫކަސް)، އަދި ޠައްޔިބް ޝަހީމްއަށް ވުރެ 93 ކޯޑިނޭޓަރުން ތިބީ މާ ފަހަތުގައެވެ. ކޮށްފައިވާ ޓްވީޓްތަކުގެ އަދަަދަށް ބެލިކަމުގައި ވިޔަސް މެއެވެ.
" ކޯޑިނޭޓަރުންނަށް ވުރެ ލޫކަސް އާއި ތޮއްޔިބް މެން މާ ހަބޭސް. އެމީހުން މައިތިރި ނުވީމާ ޕޮލިހަށް ގެންގޮސް ބިރު ދައްކަނީ. ވަރަށް ސާފު އެކަން."، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއަށް ދާދިފަހުން ހާޒިރުކޮށް ލޫކަސްގެ ފޯނު އަތުލިއެވެ. އެހެން ނަމަވެސް ފ.އަތޮޅު ސަލާމަތް ކުރުމަށް އޭނާ ޓްވިޓާގައި ގޮވާ ގޮވެލީގެ އަޑު މަޑެއް ނުވިއެވެ. ފުލުހަށް ހާޒިރު ކުރި ދުވަހު ލޫކަސް ބުނެފައި ވަނީ، ޓްވީޓްތައް ކުރުން ހުއްޓުވޭނީ އިނގިލިތައް ކަނޑައިގެން ކަމަށެވެ.
ލޫކަސް އަށް ފަހު ދެން މިއޮތީ ތޮއްޔިބް ޝަހީމްގެ ވާހަކައެވެ. ޓްވިޓާރގައި އޭނާ އަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ މީހެކެވެ. ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރާ ގުޅުންހުރި ވަރަށް މުހިއްމު ބޮޑެތި ބައެއް މައްސަލަތައް ވެސް އޭނާ ސޯޝަލް މީޑިއާގައި ފަޅާއަރުވާލައެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމުގައިވާ ޠައްޔިބް ޝަހީމް މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. ފުލުހުން އޭނާ ހައްޔަކުރީ މިހާރު ފެތުރެމުންދާ ސުވައިންފްލޫއާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަދައްކާފައިވާ ކަމަށް ބުނެއެވެ.
"ހެނދުނު އޮފީހަށް އައިސް އެމީހުން ދާނީ ކޮފީއަށް. ދެން ޓްވީޓްތަކެއް ކޮށްލާފަ. އަނެއްކާ ވެސް އޮފީހަށް ވަދެލާނެ. މާބޮޑު މަސައްކަތެއް ކުރާ ބައެއް ނޫން އެއީ. ޓްވީޓް ރީޓްވީޓް. އެއީ އެމީހުންގެ ޖޮބް އަސްލު"، ޕީޕީއެމްގެ ކައުންސިލް މެންބަރަކު ކޯޑިނޭޓަރުންގެ ވަޒީފާ ސިފަކުރެއްވީ މިފަދަ ގޮތަކަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޚް ހޫނުވާ ކޮންމެ ފަހަރަކު، ޓްވީޓާ ވެސް 'ކެކިގެން' ދެއެވެ. ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ވެގެން ދާއިރު، 93 ކޯޑިނޭޓަރުންގެ މަސައްކަތަކަށް ވެފައި އޮންނަނީ އެ ފާޑުކިޔުން ތަކަށް ރައްދު ދިނުމެވެ.
އެެހެން ނަމަވެސް، އެމީހުންނަށް ވުރެ ސަރުކާރަށް ފާޑުކިޔާ ފަރާތްތައް މާ ކުޅަދާނައެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ އަޑު ޓްވިޓާގައި މާ ގަދައެވެ. ފެންނަ ފެނުމަށް އެމީހުންގެ އަދަދު ވެސް ގިނައީއެވެ.
ކޮންމެ މަހަކު 15000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ނަންގަވާ 93 ކޯޑިނޭޓަރުން މި ސަރުކާރުގައި ތިބި އިރު އެމީހުންނަށް ވުރެ ލޫކަސް އާއި ތޮއްޔިބު މާ ހަރަކާތްތެރިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި ފެންނަ މަންޒަރުތަކަށް ބަލާއިރު ސަރުކާރުން ލޫކަސް އާއި ތޮއްޔިބު ދެކެ ޖެހިލުން ވާ ކަމަށެވެ.
ސަރުކާރުން ޖެހިލުން ވިޔަސް އަދި ނުވިޔަސް، ސޯޝަލް މީޑިޔާގައި 93 ކޯޑިނޭޓަރުން ތިބީ އަދި މާ ފަހަތުގައެވެ. ތޮއްޔިބާއި ލޫކަސް އުޅެނީ މާ ކުރީގައެވެ.