Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ހިލަރީ ކްލިންޓަން އެނބުރި ސިޔާސީ މައިދާނަށް

(AP Photo/Matt Rourke)

ނިމިގެންދިޔަ އެމެރިކާގެ 45 ވަނަ ރައީސް ހޮވުމަށް ބޭއްވި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވައި ފެއިލްވެވަޑައިގެންނެވި ކެންޑިޑޭޓު، ހިލަރީ ކްލިންޓަން ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މާޗް 17 ގައި އެމެރިކާއިން ފާހަގަކުރާ ސެއިންޓް ޕެޓްރިކްސް ޑޭ ގެ ހިތޯބެއްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވެފައިވަނީ އިންތިޚާބަށްފަހު ޚަބަރު ބެލުން އޭނާ އަށް ވެފައިވަނީ ދަތިކަމެއް ކަމުގައެވެ.

ޓްރަމްޕުގެ ސިޔާސަތަށް ޓުވިޓާގައި ޖޯކް ޖެއްސެވުމަށްފަހު ގަޑިއިރުތަކެއް ފަހުން ހިލަރީ މިހަފްލާގައި ވާހަކަ ދައްކާފައިވާއިރު އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ބައިބައިވާންވީ ވަގުތު ނޫން ކަމަށާއި މައްސަލަ ހައްލުކުރުމަށް އެންމެން އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ހިލަރީ ވިދާޅުވެފައިވެއެވެ.

"ފަރުދާގެ ފުރަގަހުން ނިކުމެ އެނބުރި އަންނަން ތައްޔާރު. ގައުމުގައި ހިނގަމުންދާ ކަންތައްތަކަށް އެހީއެއް ފޯރުކޮށްދިނުމަށް. އެއީ ކާމޭޒު ދޮށުގައި ހިނގާ ކަމެއް ވިޔަސް ނުވަތަ މިފަދަ ހަފްލާއެއްގައި ވިޔަސް އެންމެން އެއްބައި ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް މިހިރީ ތައްޔާރަށް. ގައުމު ހިނގާނީ އެންމެން އެކުވެގެން." ހިލަރީ ވިދާޅުވިއެވެ.

ހިލަރީ އަންނަނީ އޭނާގެ ހަޔާތާއި، ޚާއްސަކޮށް ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށް އަލިއަޅުވާލައި ފޮތެއް ލިޔުމުގެ މަސައްކަތް ކުރަމުންނެވެ.