އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި ޔުނައިޓެޑުގެ އެންޑަ ހެރޭރާއަށް ދެއްކި ރަތް ކާޑާއި ގުޅިގެން ކުޅުންތެރިންގެ އަމަލާއި ބަސްމަގު ހުރިގޮތުގެ ސަބަބުން ކުލަބު 20،000 ޕައުންޑުން ޖޫރިމަނާކޮށްފިއެވެ.
ކައިރި ކައިރީގައި ހެރޭރާ ކުރި ދެ ފައުލަކާއި ގުޅިގެން ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ރެފްރީ މައިކަލް އޮލިވާ ދައްކާފައިވާއިރު ޔުނައިޓެޑު ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. ރަތް ކާޑަށް ފަހު ޔުނައިޓެޑު ކުޅުންތެރިން ވަނީ ރެފްރީ ވަށާލާފައެވެ. ޚާއްސަކޮށް ވެލެންސިއާ ވަނީ ރެފްރީގެ ނިންމުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑު 20،000 ޕައުންޑުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ކުލަބުން ވަނީ ކުޅުންތެރިންގެ އަމަލު ހުރީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް ނޫން ކަމަށް އެއްބަސްވެ ފައިސާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެއްބަސްވެފައި ކަމަށެވެ.
ރެފްރީގެ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހިއްޖެނަމަ ރެފްރީއާއި މުއާމަލާތު ކުރެވޭނީ އެޓީމެއްގެ ކެޕްޓަނަށެވެ. އެހެން ކުޅުންތެރިންނަށް ރެފްރީ ވަށާލައި ޒުވާބުކޮށް ހަޑިހުތުރު ބަސްތައް ބޭނުންކުރުމަކީ އެ ކުޅުންތެރިންނަށާއި ކުލަބަށްވެސް މީގެކުރިންވެސް އަދަބު ދެވިދައިވާ ކަމެކެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު، ޖޯސޭ މޮރީނިއޯ ބުނެފައިވަނީ މައިކަލް އޮލިވާއަކީ ޕްރޮފެޝަނަލް ރެފްރީއެއް ކަމަށާއި އެރޭގެ މެޗުގައި އޭނާގެ ޓީމު ނަސީބު ދެރައީ ކަމަށެވެ.