ނެޓްފްލިކްސް އިން ނެރުނު އެންމެ ފަހުގެ މާވެލްސްގެ ސީރީސް، "އަޔަން ފިސްޓް" ކުރީގެ ސީރީސްތައް ކަމަށްވާ "ޑެއާޑެވިލް"، "ލޫކް ކޭޖް" އަދި "ޖެސިކާ ޖޯންސް" ފަދަ ސީރީސްތަކާއި އަޅާބަލާއިރު މަގުބޫލުކަން ދައްވެއްޖެއެވެ.
އިއްޔެ ނެޓްފްލިކްސް އިން ޕްރިމިއާ ކުރި މި ޝޯއަކީ އޭގެ ކާޓޫނަށް ބިނާކޮށް ނެރުނު ސީރީސްއެކެވެ. ފުރަތަމަ އެޕިސޯޑް ބަލާފައި ގިނަބަޔަކަށް ޝޯއާއި މެދު އެހާ ހިތްހަމައެއް ނުޖެހުނެވެ.
ޑެއާޑެވިލް، ލޫކް ކޭޖް އަދި ޖެސިކާ ޖޯންސް އަކީ ފުރަތަމަ އެޕިސޯޑް ބަލާފައިވެސް ބެލުންތެރިންގެ މަގުބޫލުކަން އަތުލައިގެންފައިވާ ސީރީސްތަކެވެ.
ނަމަވެސް ނެޓްފްލިކްސްގެ އެންމެ ފަހުގެ ޝޯއާއި މެދު ބެލުންތެރިން ފޫހިވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޔަން ފިސްޓުގައި މިފަދަ ސީރީސްތަކުން މީހުން ބަލާހިތްވާ ސިފަތައް ވަނީ އުނިވެފައެވެ. އެގޮތުން މިފަދަ ސީރީސްއެއްގައި ތަޅާ މަންޒަރު ފެންނަން ގިނަ ބަޔަކު އުއްމީދު ކުރާނެއެވެ. ނަމަވެސް މިޝޯގައި ޑެއާޑެވިލްއިން ފެންނަ ފަދަ މަންޒަރުތައް ފެނިފައެއް ނުވެއެވެ.
ޝޯ ގެ ކެރެކްޓާއަށް ބަލާއިރު ލޫކް ކޭޖް ފަދަ ކެރެކްޓާއެއް ފެނިގެނެއް ނުދެއެވެ. ޖެސިކާ ޖޯންސް ފަދަ ހުނަރުވެރިކަމެއްވެސް ފެނިގެންދިޔަ ކަމަށް ބެލުންތެރިންނަށް ގަބޫލެއް ނުކުރެވެއެވެ.
ސީރީސްގެ ސްކްރީންޕްލޭވެސް ފާޑުކިޔުންތެރިންނަށް އެންމެ ކަމުދާ މިންގަނޑަށް ގެނެސްދެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ އެޕިސޯޑުން ސީރީސް އެއް އެއްކޮށް ދަނެނުގަނެވޭނެއެވެ. މިޝޯ އަކީވެސް މާވެލްސްގެ އެހެން ޝޯތައް ފަދަ ކާމިޔާބު ޝޯއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.