ފެނަކަ ކޯޕަރޭޝަނުގެ ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ބައެއް މުވައްޒިފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް ސޯޝަލް މީޑިޔާގައި ފަތުރައިގެން އުޅޭ ޚަބަރަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފެނަކައިގެ މުވައްޒިފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިނުވާނެ ކަމަށާއި ބައެއް މުވައްޒިފުން ސަބަބަކާއި ނުލާ ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުނާ ބުނުމަކީވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ މިފަދަ ވާހަކަތަކަކީ މުވައްޒިފުންގެ މެދުގައި ނުތަނަވަސް ކުރުމަށް ބަޔަކު ރާވައިގެން ފަތުރާ ދޮގު ޚަބަރުތައް ކަމަށާއި މިފަދަ ވާހަކަތަކަށް ނުހެއްލުމަށް ބަޔާނުގައި ވެއެވެ.
ދާދި ފަހުން އައްޑޫ ސިޓީގައި ބޭއްވުނު ޖަލްސާއަށް ފެނަކައިގެ މުވައްޒިފުން ހާޒިރުވާން ޖެހޭނެ ކަމަށް އަންގައި ހާޒިރީވެސް ބެލޭނެ ކަމަށް މުވައްޒިފުން ކައިރީ ބުނެފައިވާ ކަމަށް ރަށުތެރޭ ޚަބަރު ފެތުރިފައިވެއެވެ.