ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެ ނައިސް އޭޝިޔާ ދަތުރު ނިންމަވާލައްވައި އެނބުރި ގައުމަށް ވަޑައިގެންފިއެވެ.
މެލޭޝިޔާ، އިންޑޮނީޝިއާ، ޖަޕާން، ޗައިނާ އަދި ރާއްޖެއަށް އައުމަށް ހަމަޖެހުނު މިދަތުރު ރާއްޖެ ނައިސް ރަސްގެފާނު ނިންމަވާލެއްވީ މިވަގުތު ރާއްޖޭގައި ސްވައިން ފްލޫ ހަލުވި ކަމާއެކު ފެތުރެމުންދާތީއެވެ.
ރަސްގެފާނުގެ ދަތުރުފުޅުގެ މަގުސަދަކީ މިގައުމުތަކުގައި ސައުދީގެ އިންވެސްޓްމެންޓުތައް ގައުމީ ތެޔޮ ކުންފުނީގެ ހިއްސާ ވިއްކުމަށް ކަމަށް ޚަބަރު ލިބިފައެވެ.
މީގެއިތުރުން ރާއްޖޭގެ ފ އަތޮޅު ސައުދީ ސަރުކާރަށް ވިއްކާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް މިދުވަސްކޮޅު ވަނީ ވަރަށް ގަދައަށް ޚަބަރު ފެތުރިފައެވެ. އަދި މިވާހަކައަށް ބާރުލިބިދޭ ގޮތަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވާހަކަ ދައްކަވާފައިވާ އޯޑިއޯއެއްވެސް ވަނީ އިއްޔެ ލީކުވެފައެވެ.
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމުގެ ކުރިން ވަނީ ރާއްޖޭގެ ތިން ރިސޯޓެއް އެއްކޮށް ބުކް ކޮށްފައެވެ. ރަސްގެފާނުގެ ޔޮޓްވެސް ރާއްޖެއަށް ވަދެފައިވާ ކަމަށް ވަނީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުގެ ކުރިން ރިޕޯޓުކޮށްފައެވެ.