އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު 1-3 އިން ވެސްޓް ބްރޮމް މޮޅުވެ އާސެނަލް އަށް ޓޮޕް 4 ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
މެޗުގެ ކުރިން އިދިކޮޅު ޓީމު ތަކުގެ ފޭނުން ދަނޑު މަތިން ވެންގާ ދިފާއުކޮށް އަދި ވެންގާ ބޭރުކުރުމަށް ދެ ބެނާއެއް އުދުއްސާފައިވާއިރު މިރޭގެ މިބައްޔާއެކު ވެންގާއަށް ވަނީ އޭނާއަށް ކުރިމަތިވަމުންދާ ޕްރެޝަރު ދެގުނަ އިތުރުވެފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ބްރޮމްއިން ވަނީ ލިބުނު ކޯނަރެއްގެ ބޭނުން ހިފައި 12 ވަނަ މިނެޓުގައި ޑޯސަން ވަނީ ވެސްޓް ބްރޮމް އަށް ލީޑު ނަގާދީފައެވެ.
ނަމަވެސް އާސެނަލްގެ އެލެކްސިސް ސަންޗޭޒް ވަނީ ދާދި ކައިރީގައި އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ނަތީޖާ އެއްވަރުވުމާއެކު މެޗު ކޮންޓްރޯލް ކުރަން އާސެނަލްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފު 1-1 އިން އެއްވަރުވެ ނިމިފައިވާއިރު އާސެނަލް ވަނީ ދެވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައި ކޮޅަށް ގޯލެއް ވައްދާލާފައެވެ. ހަލް ރޮބްސަން ކަނޫ ވެސްޓް ބްރޮމްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ލިބުނު ކޯނަރަކުން ހުރަސް ކުރި ބޯޅައަކުންނެވެ.
އާސެނަލްގެ ބަލި ފައި މައްޗަށް ފޮއެ ވެއްޓުނީ ޑޯސަން 75 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލު އާސެނަލް ގޯލު ފޫއަޅުވާލާފައި ޖެހުމުންނެވެ. މެޗުން ބަލިވުމަށްފަހު މެޗު ފެށުނު އިރު ވެންގާއާއި އެއްކޮޅަށް ތިބި ބައެއް ސަޕޯޓަރުންވެސް ވަނީ މާޔޫސްވެ ވެންގާއާއި ދެކޮޅަށް ޖެހިލާފައެވެ.