Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މަސްތުވާތަކެތި ބަންދު ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ބަންދު ކުރަން ތިބި ބަޔަކު ސ. ހިތަދޫން ހައްުޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި ތިން މީހަކު ހައްޔަރުކޮށްފައި ވަނީ ހިތަދޫ ފުއްޓަރު ފަރާތު އަތިރިމަތީގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ބަންދު ކުރަން ތިބި ބަޔަކު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ބަންދުކޮށްފައިވާ 25 ޕެކެޓާއި ގިނަ އަދަދެއްގެ ހުސް ޕެކެޓާއި ބަންދު ކުރަން ބޭނުން ކުރާ ބައެއް ސާމާނު އެ މީހުން އަތުން ފެނިފައިވެ އެވެ. އަދި ކޮންމެވެސް ވަރަކަށް ފައިސާ ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެެހެން ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.