އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއަށް މިދިޔަ ސީޒަނުގައި ރަން ވަނަ ހޯދައިދިން ކޯޗު، ކްލައުޑިއޯ ރަނެއޭރީ މަގާމުން ވަކިކުރުމަށްފަހު ލެސްޓާ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ކުއާޓާގައި ސެވީއާ ބަލިކުރުމަށްފަހު ލީގުގައި ކުޅުނު ތިން މެޗުވެސް ލެސްޓާ ވަނީ ރަނެއޭރީގެ އެސިސްޓެންޓުގެ އިރުޝާދުގައި ކާމިޔާބުކޮށްފައެވެ.
ރޭގައި ވެސްޓް ހެމް އާއި ބައްދަލުކުރި މެޗުން ލެސްޓާ މޮޅުވެފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ފުރަތަމަ ދިހަ މިނެޓު ތެރޭ ލެސްޓާ ވަނީ ވެސްޓްހެމް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. 5 ވަނަ މިނެޓުގައި މަހްރޭޒް ނަގައިދިން ލީޑު 7 ވަނަ މިނެޓުގައި ފުޅާކޮށްފައިވަނީ ހޫތް އެވެ.
ވެސްޓް ހެމް އިން ވަނީ 20 ވަނަ މިނެޓުގައި ލަންޒީނީގެ ގޯލަކާއެކު މެޗުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލެސްޓާގެ އެއް ލަނޑުގެ ލީޑު ފުޅާކޮށްފައިވަނީ 38 ވަނަ މިނެޓުގައި ޖޭމީ ވާޑީ ޖެހި ގޯލަކުންނެވެ. ވާޑީ ވަނީ ރޭގެ މެޗުގެ ފުރަތަމަ ގޯލު އެސިސްޓުވެސް ކޮށްދީފައެވެ.
ވެސްޓް ހެމް އިން މެޗުގެ ފަހު ގޯލު ޖަހާފައިވަނީ 63 ވަނަ މިނެޓުގައެވެ. އަޔޫގެ މިގޯލަށްފަހު ނަތީޖާއަށް ބަދަލެއް ގެނައުމަށް ދެޓީމުވެސް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
ލެސްޓާގެ މިމޮޅާއެކު ޓީމު ވަނީ ލީގު ތާވަލުގެ 15 ވަނައަށް ޖެހިލާފައެވެ. އިންޓެރިމް ކޯޗު، ޝެކްސްޕިއާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލެސްޓާ ސިޓީ އަކީ މިވަގުތު ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުންދާ ޓީމެވެ. ލެސްޓާ ވަނީ މިސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާއިންވެސް ޖާގަ ހޯދާފައެވެ. ކުއާޓާގައި ލެސްޓާ ކުޅެން ޖެހެނީ މިދިޔަ ސީޒަނުގެ ރަނަރަޕް، އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.