Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ކުރިމަގާ މެދު ގޮތެއް ނިންމައިފިން: ވެންގާ

އާސެނަލްގެ ކޯޗު އާސެން ވެންގާގެ ކޮންޓްރެކްޓް މިސީޒަނުގައި ހަމަވާއިރު އޭނާގެ ކުރިމަގާއި މެދު މިހާރު ގޮތެއް ވަނީ ނިންމާފައި ކަމަށް ވެންގާ ބުނެފިއެވެ.

ރޭ ލީގުގައި ވެސްޓް ބްރޮމް އަތުން ބަލިވުމަށްފަހު ބޭއްވި ޕްރެސްގައި ވެންގާ ބުނެފައިވަނީ ކުލަބު މިހާރު ވޭތުކުރަމުންދަނީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި އެންމެ ދަށް ދުވަސްކޮޅު ކަމަށާއި، އޭގެ ސަބަބުން އޭނާއަށްވުރެ ކުލަބު އިސްކުރަން ޖެހިފައިވާ ކަމަށެވެ.

އަދި އޭނާގެ ކުރިމަގާއި މެދު މިހާރު ވަނީ ގޮތެއް ނިންމާފައި ކަމަށާއި އެކަން ވަރަށް އަވަހަށް ސަޕޯޓަރުންނާއި ހިއްސާ ކުރާނެ ކަމަށް ވެންގާ ބުނެފައިވެއެވެ. ނޫސްވެރިޔަކު ކިހާ އަވަހަށްތޯ ސުވާލުކުރުމުން ވެންގާ ބުނެފައިވަނީ ވަރަށް އަވަހަށް ކަމަށެވެ.

މީގެ ކުރިން ވެންގާ ކުލަބުގައި މަޑުކުރަން ބޭނުން ކަމަށް ބުނެފައިވިނަމަވެސް ރޭގެ ޕްރެސްއަށް ފަހަށް ވެންގާ ކުލަބު ދޫކޮށް ދިއުމަށް ނިންމާފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް ވެންގާ ވަނީ އޭނާގެ ކޯޗިން ކެރިއަރު ނިންމާ ނުލާނެ ކަމަށާއި އާސެނަލްއިން ވަކިކޮށްފިނަމަ ދެން ސީޒަނެއްގައި އެހެން ޓީމެއްގެ ކޯޗެއްގެ މަގާމުން އޭނާ ފެންނާނެ ކަމަށް ވެންގާ ވަނީ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

އާސެނަލް ސަޕޯޓަރުން މުޅިން ބައިބައިވެ، ގިނަ ބަޔަކު ވެންގާއާއި ދެކޮޅަށް ފާޅުގައި މުޒާހަރާކޮށް އަޑުއުފުލަމުންދާއިރު އަދިވެސް އޭނާއަށް ވަފާތެރި ސަޕޯޓަރުން ކުލަބުގައި އެބަތިއްބެވެ. ރޭގެ މެޗުގެ ކުރިން ސްޓޭޑިއަމްގެ މަތިން ވެންގާއާއި ދެކޮޅަށް ބެނާއެއް ވަނީ އުދުއްސާލާފައެވެ.