Last Updated: July 12, 17:14
Saturday, July 12, 2025
ސިޔާސީ

ލީކްވި އޯޑިއޯގެ ހަގީގަތް ހޯދަން މައުމޫން ގޮވާލައްވައިފި

ސައުދީ އަރަބިއްޔާއަށް ފ އަތޮޅު ވިއްކާލުމުގެ މަގުސަދުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައި ކަމަށް ބުނެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އަޑާއި ވައްތަރު އޯޑިއޯއެއް ލީކުވެފައިވާތީ އެކަމުގެ ހަގީގަތް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

ނިހާންގެ އަޑާއި ދާދި ވައްތަރު އަޑަކުން މިއޯޑިއޯ ކްލިޕްގައި އިވިގެންދަނީ ރާއްޖެއިން ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ފ އަތޮޅުގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން އުފެދުމުން ކަމަށާއި އެކަން ސައުދީ ސަރުކާރުން ސިއްރު ކުރުމަށް އެދުނުކަމަށް ބުނާ ވާހަކައެވެ.

ނަމަވެސް މިވާހަކަތަކާއި ބެހޭގޮތުން ނިހާން އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ. ވަކިބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަކީ ކުރިއަށް އޮތް ޖީލުތަކަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށާއި އެމައްސަލަ ބަލަން ޖެހޭނެ ކަމަށް ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިއޯޑިއޯ ކްލިޕްގައި މިގޮތަށް މަޖިލިސް މެމްބަރުން އަމަލުކޮށްފައިވަނީ ރައީސް ޔާމީނުގެ އިރުޝާދުން ކަމަށް ބުނެފައިވިނަމަވެސް ރައީސް ވަނީ މީގެ ކުރިން ފ އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފެތުރެމުން ދިޔަ ޚަބަރު ދޮގުކޮށްފައެވެ.