Last Updated: July 27, 18:03
Monday, July 27, 2026
ރިޕޯޓް

މަގުތަކަށް އިހުމާލް: ހިތާމަވެރި ހާދިސާތަކަށް މަގުފަހި!

2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ލިންކް ރޯޑުގައި ހިނގި ހާދިސާއެކެވެ.ޒުވާނަކު ސައިކަލް ދުއްވައިފަ ދަނިކޮށް ކޭބަލެއް ވަޅުލަން ވެގެން ކޮނެފައި، އުސްކޮށް ފަސް އަޅައިފަ ހުރި ތަނެއްގައި ޖެހި ވިއްސައިގެން ގޮސް ޒުވާނަކަށް ސީރިއަސް ޒަޚަމްތަކެއް ލިބުނެވެ.

މަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިވަނީ ނިޔާވި އިރު އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ، މަގުގައި ކޭބަލެއް ވަޅުލަން ވެގެން ތާރުގަނޑު ކަނޑާފައި ހުރި ތަނެވެ. އެތަނަށް އުސްކޮށް ފަސްއަޅާފައި ހުރުމުގެ ސަބަބުން، ސައިކަލް ކަހާލައިގެން ވެއްޓުނީއެވެ.

ޅާއްސަ ގޮތެއްގައި މަރަދޫފޭދޫ އަދި މަރަދޫގެ ލިންކް ރޯޑްގައި ވަޅުގަނޑުތައް ގިނަ އެވެ. އޭގެ ސަބަބުން މަގުން ދަތުރު ކުރާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

ލިންކް ރޯޑްގެ ހާލަތު ރަނގަޅު ކުރުމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހައުސިން މިނިސްޓްރީގެ ފަރާތުން އެމްއާރްޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ލިންކް ރޯޑް މަރާމާތު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އެއްވެސް ފަރުވާލެއް ނެތި، މަގުން ދުއްވާ މީހުންނަށް ފާހަގަ ވާނެ ނިޝާނެއް ވެސް ބެހެއްޓުމެއް ނެތި ތާރު އެޅި މަގުތައް ކޮނުމަށް ފަހު ފަސް އަޅާފައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަން ކުރާ މީހުންގެ ސިކުނޑިތަކަށް ނުވިސްނުނު ނަމަވެސް ވަރަށް ނުރައްކާތެރި ކަމެކެވެ.

މަގު ކޮންނަނީ އަމިއްލަ ފަރާތަކުން ކަމުގައި ވިޔަސް އެކަން ބެލެހެއްޓުމަކީ، ޤާނޫނީ ގޮތުން ބަލާއިރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރގެ ޒިންމާއެކެވެ. އެ ޒިންމާ އަދާނުކުރެވި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ވަމުންދާ ގެއްލުމުގެ ޒިންމާ ހައުސިން މިނިސްޓްރީން ނަގަން ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުން އޭގެ ނުރައްކަލަށް މަގުން ދަތުރުކުރާ އެންމެން މިވަނީ ހުށަހެޅިފައެވެ.ބާރު ސްޕީޑްގައި ދުއްވާ މީހާ އަށާއި ގަވާއިދާއި އެއްގޮތަށް ދުއްވާ މީހާއަށް ވެސް މެއެވެ.

ލިންކް ރޯޑު ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭ މުއައްސަސާތަކުން ޒިންމާއިން ރެކިވަޑައިގަންނަވަން މަސައްކަތް ކުރައްވެމުގެ ބަދަލުގައި ޒިންމާ އަދާކުރަންރައްވަން ވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ.

އެންމެ 24 ގަޑިއިރު ތެރޭގައި ވެސް ލިންކް ރޯޑުގައި ހުރި ހުރިހާ ވަޅުގަނޑުތަކެއްގައި ތާރު އެޅުމުގެ ޤާބިލްކަން އެމްއާރްޑީސީގައި އެބަހުއްޓެވެ. އެތަނުގެ އާދައިގެ މުވައްޒަފުން ތިބީ އެކަން ކުރުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް އެކަމަށް ބޭނުންވަނީ ފިނިކޮޓަރި ތަކުގައި ޓައި އަޅުއްވައިގެން ތިއްބެވި ސިޔާސީ ވެރިންގެ އެޕްރޫވަލް އެކެވެ.

އެ އެޕްރޫވަލް ނުދީ، އެމްއާރްޑީސީގެ އައްޑޫ އޮފީހުގެ ވެރިން ތިއްބަވާ ސަބަބު އެމީހުން ރައްޔިތުންނަށް ކިޔައިދޭން އެބަޖެހެއެވެ.

އެމްއާރްޑީސީގެ އައްޑޫ ސައިޓްތަކުގައި ހިލަވެލި އާއި ސިމެންތި އަދި ތާރު ވެސް އެބަހުއްޓެވެ. މަސައްކަތް ކުރާނެ މުވައްޒަފުންނާއި ވެހިކަލްތައް ވެސް އެބަހުއްޓެވެ. ނެތިގެން އުޅެނީ، އިޚްލާސްތެރި ވެރިންނެވެ. އެމީހުންގެ އެޕްރޫވަލް އެވެ.