އަދާލަތު ޕާޓީގެ ރައީސް، އައް ޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަޑުއެހުމެއް ނުބާއްވައި މިދިޔަ މަހުގައި އިމްރާންގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް ކޯޓުން ވަނީ އެދުވަހުގެ އަޑުއެހުން ކެންސެލް ކޮށްފައެވެ.
ޝެއިޚް އިމްރާނުގެ މައްޗަށް މޭޑޭ މުޒާހަރާގައި ފުލުހުންނަށް ހަމާލާދީ ތަންތަނަށް ގެއްލުން ދިނުމަށް ހިތްވަރުދިން ކަމަށް ބުނެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އިމްރާން ވަނީ ގިނަ ދުވަސްތަކެއް ޖަލުގެ ކުޑަ ގޮޅީގައި ހޭދަކުރެއްވުމަށްފަހު ގޭބަންދަށް ބަދަލުކޮށްފައެވެ.
އަންގާރަ ދުވަހު އަނެއްކާވެސް ދުވަސްތަކެއް ކޮށްފައި ޝެއިޚް އިމްރާނުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް ހުކުމެއް އިއްވާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އިމްރާނުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނިޑިޔާރު ސުޖާއު އުސްމާނު މިހާރު ވަނީ ހައިކޯޓުގެ ދެވަނަ ގޮތްޕަށް ބަދަލުކޮށް ބެންޗަށް ބަދަލު އައިސްފައެވެ.
ޝެއިޚް އިމްރާން ވަނީ ހުކުމެއް އަދި އަޑުއެހުމެއް ބޭއްވުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގެ ކުޑަ ގޮޅީގައި ބަންދުކޮށްފައެވެ.