Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

"ތިން ބާރުގެ އަގު ވައްޓާލާ ނަމަ ފިޔަވަޅު އަޅާނަން"

ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން ތިން ބާރުގެ އަގުވެއްޓޭ ފަދަ ގޮތަކަށް ޚަބަރު ފަތުރަމުންދާ ކަމަށް ފާހަގަ ވާ ކަމަށާއި އެކަން ހުއްޓާލުމަށާއި އެހެންނޫންނަމަ ކްރިމިނަލް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއި ކުރައްވާ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފިއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވާގޮތުން ބައެއް ނޫސްވެރިންގެ މިފަދަ އަމަލުތަކުގެ ސަބަބުން ޓެރަރިޒަމްއަށް ހިތްވަރުލިބި އާންމު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދުމަށް މަގުފަހިވާކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ދިވެހި ދައުލަތުގެ އިސްވެރިންގެ މިންނެތް މަސައްކަތުން ރާއްޖެއަށް ހެވާއި ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން ގާއިމުވެފައިވާ އިސްތިގުރާރު ނަގާލުމަށް ކޯޓުން ފުރުސަތެއް ނުދޭނެކަމަށްވެސް މިބަޔާނުގައިވެއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ދާދިފަހުންވެސް ވަނީ އެކިއެކި ދައުވާތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ. ރާއްޖެ ޓީވީއިން ބުނާގޮތުގައި އެޗެނެލްގެ ނޫސްވެރިންނަށް ކޮށްފައިވާ ދައުވާތަކަކީ އެއްވެސް ހަމައަކަށް ބިނާވުމެއް ނެތި ކުރެވިފައިވާ ދައުވާތަކެއް ކަމަށެވެ.