އިނގިރޭސި ޕްރިމިއާ ލީގުގެ ހަވަނައިގައި 100 އަށް ވުރެ ގިނަ ދުވަހު އޮތުމަށްފަހު މެންޗެސްޓާ ޔުނައިޓެޑު ތާރީޚީ މޮޅަކާއެކު އެއް މަގާމު ކުރިއަށް ޖެހިލައިފިއެވެ.
މިރޭ މިޑްލްސްބްރަގް އާއި ބައްދަލުކުރި މެޗު 3-1 އިން ޔުނައިޓެޑު ކާމިޔާބުކޮށް އެޓީމު ވަނީ ޕްރިމިއާ ލީގުގައި 600 މެޗުން މޮޅުވި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައެވެ.
ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. 30 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ލިބިފައިވަނީ ފެލައިނީ ބޮލުން ޖެހި ގޯލަކުންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ޔުނައިޓެޑުގެ ޒުވާން ކުޅުންތެރިޔާ ޖެސީ ލިންގާޑު ވަނީ ވަރަށް ފުރިހަމަ ޝޮޓެއް ގޯލުގެ ތެރެއަށް ވައްދައިގެން ލީޑު 2-0 އަށް ފުޅާކޮށްފައެވެ.
ބޮރޯ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ވަދެފައިވަނީ 75 ވަނަ މިނެޓުގައި ޔުނައިޓެޑު ޑިފެންސް ލައިނުން ހެދި ގޯހަކުން ލިބުނު ހުސް ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ގެސްޓީޑެވެ.
ޔުނައިޓެޑު ލީޑު އިތުރަށް ފުޅާކޮށްފައިވަނީ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ކުޅުން ކުރިއަށް ދަނިކޮށް ބޮރޯ ކީޕަރު ވަލްޑެސް ސާފު ކުރަން އުޅުނު ބޯޅައެއް ސާފުނުކުރެވި އޭނާ ކައްސާލައިގެން ޔުނައިޓެޑު ޑިފެންޑަރު ވެލެންސިއާ ހުސް ގޯލަކަށް ބޯޅަ ފޮނުވާލައިގެނެވެ.