Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

"ރިސާލަތު އައްމާން" ގައި ރާއްޖޭން ބައިވެރިވެއްޖެ

"ރިސާލަތު އައްމާން"ގައި ބައިވެރިވެވަޑައިގެންނަވާއިބްރާހީމް އަޙްމަދާއި، މޫސާ އަންވަރު ޙަސަން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"ރިސާލަތު އައްމާން" ގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވަމުން އެބަގެންދެއެވެ.

އުރުދުންގެ ވެރިރަށް އައްމާން ގައި އިއްޔެ އިން ފެށިގެން މި މާޗު މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ އެ ބައްދަލުވުމަކީ ދީނީ ޢިލްމުވެރިން ތާޒާ ކުރުމުގެ މަޤްސަދުގައި ބާއްވާ ބައްދަލުވުމެކެވެ.

މިފަހަރުގެ ބައްދަލުވުމަކީ "ރިސާލަތު އައްމާން" ގެ 35 ވަނަ ބައްދަލުވުން ކަމުގައި ވީއިރު، އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައީސް ކަމަށްވާ އިބްރާހީމް އަހްމަދުގެ އިތުރުން އެ މަޖިލީހުގެ މެމްބަރު މޫސާ އަންވަރު ހަސަން އެވެ.

އެ ބައްދަލުވުމަކީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަން މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމް ދީނަކީ ހައްދުފަހަނައަޅާއި ދިއުމާއި ޓެރަރިޒަމާއި ބީރައްޓެހި ދީނެއްކަން މީހުންނަށް ބަޔާންކޮށް ދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

މިފަހަރުގެ ބައްދަލުވުމުގެ ލަނޑުދަނޑިއަކީ ޓެރަރިޒަމާއި ކާފަރުކުރުން ހުއްޓުވުމާއި އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ފެތުރުމެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ އެ ބައްދަލުވުމުގައި ޖުމްލަ 14 ޤައުމަކުން 35 ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.