Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެންޓި ކެމްޕޭން ނުކުރަން ބްރޯޑްކޮމުން ގޮވާލައިފި

ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް -- ފޮޓޯ: ވީ ނިއުސް

ނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކަވަރޭޖު ގެނެސްދިނުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެކޮމިޝަނުން ނެރުނު ސާކިއުލާއެެއްގައި ކެންޑިޑޭޓުންނާ ގުޅުން ހުރި ހަބަރާއި މައުލޫމާތު ގެނައުމުގައި އަސްލެއް ނެތް ނުވަތަ "އެންޓި ކެމްޕެއިން" ކަމަށް ބެލެވޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް ގޮވާލާކަމަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ފަދައިން، ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށާއި ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބުރޫއަރާފާނެ ފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރަމަށް ނަސޭހަތްތެރިވާކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނު އާއި އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުކުރުމަށްވެސް އެ ސާކިއުލާގައި ކޮމިޝަނުން ވަނީ މީޑިއާތަކަށް ހަނދާންކޮށްދީފައެވެ.